ގްރޭޓާ މާލެ ސަރަހައްދުން ކަރަންޓު ކެނޑިފައި އޮތުމަށްފަހު، ގާތްގަނޑަކަށް ދެ ގަޑިއިރު ފަހުން ބައެއް ސަރަހައްދުތަކަށް އަލުން ކަރަންޓު ދޭން ފަށައިފިއެވެ.
ސްޓެލްކޯއިން މައުލޫމާތު ދިން ގޮތުގައި، މި މައްސަލަ ދިމާވީ ހުޅުމާލޭގެ 50 މެގަވޮޓްގެ ޕަވާ ޕްލާންޓުގެ ނިޒާމު އިތުރަށް ފުރިހަމަކޮށް، ދިގު މުއްދަތަކަށް އިތުބާރާއެކު ހިދުމަތް ދިނުމަށް ކުރިއަށްގެންދިޔަ ސިސްޓަމް އަޕްގްރޭޑް ކުރުމުގެ ތެރޭގައެވެ. މި މުހިންމު މަސައްކަތުގެ ތެރެއިން ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އިންޖީނުގޭގެ ހުރިހާ ޖެނެރޭޓަރުތަކެއް ވަނީ އޮޓޮމެޓިކުން ނިވިފައެވެ. މިއާއެކު މާލެއާއި ހުޅުމާލޭގެ ބޮޑު ބަޔަކުން އެއްފަހަރާ ކަރަންޓުގެ ހިދުމަތް މެދުކެނޑިގެން ދިޔައެވެ.
މި މައްސަލަ ހައްލުކޮށް ގްރިޑް އާންމު ހާލަތަކަށް ގެނައުމަށް ސްޓެލްކޯގެ ޓެކްނިކަލް ޓީމުތަކުން މެދުނުކެނޑި ކުރި މަސައްކަތުން މިހާރު ވަނީ ގިނަ ސަރަހައްދުތަކަކަށް އަލުން ކަރަންޓު ދީފައެވެ. އަދި ކަރަންޓު ނުލިބި ހުރި ސަރަހައްދުތަކަށް ވީއެންމެ އަވަހަކަށް ހިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންދާކަން ފާހަގަކޮށް، މިކަމުގެ ސަބަބުން ރައްޔިތުންނަށް ދިމާވި ދަތިތަކަށް އެ ކުންފުނިން ވަނީ މާފަށް އެދިފައެވެ.
ކޮމެންޓު ފޮނުވާ