އެމެރިކާއިން އުޅެނީ އާ ހަނގުރާމައެއް ފަށަން، އީރާނުން އަމާނެއް ނުދޭނެ: އީރާން

އެމެރިކާއިން އުޅެނީ އާ ހަނގުރާމައެއް ފަށަން، އީރާނުން އަމާނެއް ނުދޭނެ: އީރާން

Author
އަހުމަދު
21 މެއި 2026 08:05
0

އެމެރިކާއިން މަސައްކަތް ކުރަމުންދަނީ އީރާނުން އަމާންދޭނެ ކަމަށް ބަލައިގެން އަލުން ހަނގުރާމައެއް ފެށުމަށް ކަމަށް، ސުލްހައިގެ މަޝްވަރާތަކުގައި އީރާނުގެ ފަރާތުން އިސްކޮށް ހުންނަވާ މުހައްމަދު ބާގިރު ގާލީބާފް ވިދާޅުވެއްޖެ އެވެ.

ގާލީބާފްގެ ރަސްމީ ވެބްސައިޓުގައި އާންމުކުރެއްވި އޯޑިއޯ މެސެޖެއްގައި އޭނާ ވިދާޅުވީ، ސިޔާސީ އަދި އިގްތިސާދީ ގޮތުން ދަތިކުރުމުގެ ފިޔަވަޅުތައް އެޅި ނަމަވެސް، ދުޝްމަނުންގެ އަސްކަރީ މަގުސަދުތައް ދޫކޮށްނުލާ ކަމަށެވެ. ގާލީބާފް މި މޭރުމުން ވާހަކަދައްކަވާފައި މިވަނީ، ފެބްރުއަރީ މަހުގެ ފަހުކޮޅު ފެށި ހަނގުރާމަ ހުއްޓާލުމާ ގުޅޭގޮތުން ދެ ގައުމުގެ މެދުގައި ހުށަހެޅުންތައް ބަދަލުކުރަމުންދާ ދަނޑިވަޅެއްގައި އިންޒާރުތައް އިތުރުވެފައި ވަނިކޮށެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަލުން ހަމަލާދެއްވާނެ ކަމުގެ އިންޒާރު ދެއްވުމާ ގުޅިގެން، އީރާނުގެ އިންގިލާބީ ލަޝްކަރުން ވަނީ އެފަދަ ކަމެއް ކޮށްފިނަމަ މުޅި ސަރަހައްދަށް ހަނގުރާމަ ފުޅާވާނެ ކަމުގެ އިންޒާރު ދީފަ އެވެ. އޭޕްރީލް 8 ވަނަ ދުވަހު ވެވުނު އެއްބަސްވުމުގެ ދަށުން ހަމަލާތައް މެދުކަނޑާލާފައި އޮތް ނަމަވެސް، ދާއިމީ ސުލްހައަކަށް އަދިވެސް ވަނީ ވާސިލުވެވޭ ގޮތް ނުވެފަ އެވެ.

އެމެރިކާއިން އިގްތިސާދީ ގޮތުންނާއި ކަނޑުމަތިން އީރާނަށް ފިއްތުންތައް ކުރިމަތިކޮށް، ނުހައްގު ބޮޑެތި ޑިމާންޑުތައް ކުރަމުންދާކަން ފާހަގަކުރައްވައި ގާލީބާފް ވިދާޅުވީ، ކުރިމަތިވެދާނެ ކޮންމެ ހަމަލާއަކަށް ރައްދު ދިނުމަށް އީރާނުން ތައްޔާރީތައް ވަރުގަދަ ކުރަންޖެހޭ ކަމަށާއި، ބިރުދެއްކުންތަކަށް އީރާނުން ބޯނުލަނބާނެ ކަމަށެވެ. އަދި އީރާނުގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ އިގްތިސާދީ ދަތިތަކުން އަރައިގަތުމަށް އެންމެން އެކަތިގަނޑަކަށް ވުމަށް ގޮވާލައްވަމުން އޭނާ ވިދާޅުވީ، މިއީ އަޒުމްތަކުގެ ހަނގުރާމައެއް ކަމަށާއި މިކަމުން މޮޅުވާ ބަޔަކު މުސްތަގުބަލު ކަނޑައަޅާނެ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.