400 ރުފިޔާގެ އެކްސެލް ކޭހެއް ވަގަށް ނެގި މީހަކު ޖަލަށް

400 ރުފިޔާގެ އެކްސެލް ކޭހެއް ވަގަށް ނެގި މީހަކު ޖަލަށް

Author
އަހުމަދު
20 މެއި 2026 03:03
0

މާލޭ ފިހާރައަކުން 400 ރުފިޔާގެ އެކްސެލް ކޭހެއް ވަގަށް ނެގި މީހަކު ތިން މަހާއި 18 ދުވަހަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

މި ހުކުމް އިއްވާފައި ވަނީ ސ. ފޭދޫ، ފެހިވިދުވަރު، މުހައްމަދު އިލްހާމްގެ މައްޗަށެވެ. އޭނާގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ދައުވާއެވެ.

އިލްހާމްގެ މައްޗަށް މި ދައުވާ އުފުލާފައި ވަނީ މާލޭ، ކޮއިމަލާ ހިނގުމުގައި ހުންނަ "އައިބިޒް މާޓް ޗާލީ" ފިހާރައިން 400 ރުފިޔާގެ އަގުހުރި އެކްސެލް ކޭހެއް ނަގައިގެން، އަގު ނުދައްކައި ފިހާރައިން ނުކުމެގެން ދިއުމާ ގުޅިގެންނެވެ.

އިބްތިދާއީ އަޑުއެހުމުގައި އިލްހާމް ވަނީ ދައުވާއަށް އިންކާރުކޮށްފައެވެ. ނަމަވެސް އޭނާއާ ދެކޮޅަށް ފިހާރައިގެ ފުޓޭޖު ހުށަހެޅި އިރު، އެ ފުޓޭޖުން އޭނާ އެކްސެލް ކޭސް ވަގަށް ނަގާ މަންޒަރު ފެންނަ ކަމަށް ހެކިވެރިޔާ ވަނީ ބުނެފައެވެ. އަދި އެ ފުޓޭޖު އިލްހާމަށް ދެއްކުމުން، އެއީ އޭނާ ކަމުގައި އޭނާ ވެސް ވަނީ އެއްބަސްވެފައެވެ.

ހުށަހެޅުނު ހެކިތަކަށް ރިއާޔަތްކޮށް، ދައުލަތުން ކުރި ދައުވާ އިލްހާމްގެ މައްޗަށް ސާބިތުވާ ކަމަށް ކަނޑައެޅުމާ ގުޅިގެން، މައްސަލަ ބެއްލެވި ގާޒީ ވަނީ އޭނާ 3 މަހާއި 18 ދުވަހަށް ޖަލަށްލުމަށް ހުކުމް ކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.