ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާދާއި ކުވައިތު ސިޓީ ގުޅުވައިދޭ ހައިސްޕީޑް ރޭލްވޭ މަޝްރޫއަށް ކުވެއިތުގެ މުނިސިޕަލް ކައުންސިލުން މިއަދު ހުއްދަ ދީފިއެވެ.
މިއީ ދެ ގައުމު ގުޅުވައިލުމަށް ފަރުމާކޮށްފައިވާ 500 ކިލޯމީޓަރުގެ ބޮޑު މަޝްރޫއެކެވެ. މި މަޝްރޫއުގެ ތެރެއިން ކުވެއިތުގައި ހިމެނޭ ބައި ސައުދީގެ ހުޅަނގު ދެކުނު ބޯޑަރުން ފެށިގެން ކުވައިތުގެ އާ ޔުނިވާސިޓީ ކެމްޕަސް ކައިރީގައި އޮންނަ ޝަދާދިޔާ ސަރަހައްދާ ހަމައަށް ގާތްގަނޑަކަށް 85 ކިލޯމީޓަރަށް ދެމިގެންދާނެއެވެ.
މި ރޭލުތައް ގަޑިއަކު 300 ކިލޯމީޓަރުގެ ބާރުމިނުގައި ދަތުރުކުރާނެއެވެ. އޭރުން ރިޔާދާއި ކުވައިތާ ދެމެދު ކުރާ ދަތުރު ދެ ގަޑިއިރަށް ވުރެ ކުރުވެގެންދާނެ ކަމަށް ލަފާކޮށްފައިވާއިރު، ދުވާލަކު ތިން ދަތުރު ކުރުމަށް ވަނީ ރާވާފައެވެ. ކުރިން ހަދާފައިވާ ފީސިބިލިޓީ ދިރާސާތަކުން ދައްކާ ގޮތުގައި 2030 ވަނަ އަހަރުގެ ނިޔަލަށް މި ރޭލުގެ ދަތުރުތައް ރަސްމީކޮށް ފެށޭނެއެވެ.
މި މަޝްރޫއަކީ ގަލްފް ކޯޕަރޭޝަން ކައުންސިލް (ޖީސީސީ) ގެ މެމްބަރު ހަ ގައުމު ކަމަށްވާ ސައުދީ އަރަބިއްޔާ، ކުވައިތު، ޔޫއޭއީ، ބަހްރެއިން، ގަތަރު އަދި އޮމާން ގުޅުވައިދޭ 2،200 ކިލޯމީޓަރުގެ ފުޅާ ގަލްފް ރޭލްވޭ ނެޓްވޯކްގެ ވަރަށް މުހިންމު އެއް ބައެވެ.
ކޮމެންޓު ފޮނުވާ