ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށް ސާބިތުވެ، ނ. މިލަދޫ އަލަމާގެ، އުމުރުން 43 އަހަރުގެ އަޙްމަދު ޢަބްދުލްހާދީ އުމުރަށް (25 އަހަރަށް) ޖަލަށްލުމާއެކު 100،000 (އެއްލައްކަ) ރުފިޔާއިން ޖޫރިމަނާކުރުމަށް ކޯޓުން އިއްޔެ ހުކުމްކޮށްފިއެވެ.
އަޙްމަދު ޢަބްދުލްހާދީގެ މައްޗަށް މި ހުކުމް އިއްވާފައިވަނީ ދިވެހިރާއްޖޭގެ މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 105 ވަނަ މާއްދާގެ ދަށުންނެވެ. ފުލުހުންނަށް މި މައްސަލަ އެންމެ ފުރަތަމަ ހުށަހެޅިފައިވަނީ 4 މާރިޗު 2022 ގައެވެ. އަދި މައްސަލައިގެ ތަޙުޤީޤު ފުރިހަމަކުރުމަށްފަހު، އޭނާގެ މައްޗަށް ދަޢުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވަނީ ހަމަ އެ އަހަރުގެ އެޕްރީލް މަހުގެ 11 ވަނަ ދުވަހުއެވެ.
މި މައްސަލައިގައި ކުށްވެރިޔާއަށް އަދަބު ކަނޑައެޅުމާ ގުޅިގެން ފުލުހުން ބުނެފައިވަނީ، މިއީ މަސްތުވާތަކެއްޗާ ދެކޮޅަށް ކަމާގުޅުންހުރި އެންމެހާ މުއައްސަސާތަކާ ގުޅިގެން ކުރަމުންދާ ބުރަ މަސައްކަތުގެ ކާމިޔާބު ނަތީޖާއެއް ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކާމެދު ޤާނޫނީ ގޮތުން އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅުތައް އެޅުމަށް ޚާއްޞަ އިސްކަމެއް ދީގެން މަސައްކަތްކުރަމުން ގެންދާނެކަމުގެ ޔަޤީންކަން ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ ދީފައެވެ.
ކޮމެންޓު ފޮނުވާ