ރާއްޖޭގައި ކޮމަރޝަލް ބޭންކިންގ ވިޔަފާރިކުރުމުގެ ރަސްމީ ލައިސެންސާއި އޮޕަރޭޝަނަލް އެޕްރޫވަލް، "މޯލްޑިވްސް ޕްރިމިއަރ ބޭންކް ޕްރައިވެޓް ލިމިޓެޑް" އަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ދޫކޮށްފިއެވެ.
މަރުކަޒީ ބޭންކުން ނެރުނު ބަޔާނެއްގައި ހާމަކޮށްފައިވާ ގޮތުން، މި ލައިސެންސް އެ ކުންފުންޏަށް ދޫކޮށްފައިވަނީ 18 މޭ 2026 ގައެވެ. މިއީ އޭގެ ކުރިން، 16 މެއި 2025 ގައި 'ޓިއަރ 1′ ބޭންކެއް ގާއިމުކުރުމަށް ދިން އިބްތިދާއީ ހުއްދައިގެ ދަށުން ފުރިހަމަކުރަންޖެހޭ ޝަރުތުތައް އެ ފަރާތުން ފުރިހަމަކުރުމާ ގުޅިގެން، ބޭންކުގެ ނަމާއި މިލްކުވެރިކަމުގެ އޮނިގަނޑަށް ގެނައި ބަދަލުތަކާއެކު ދޫކުރި ލައިސެންސެކެވެ.
މި އައު ބޭންކަށް ލައިސެންސް ދޫކުރުމަކީ ރާއްޖޭގެ މާލީ ނިޒާމު އިތުރަށް ހަރުދަނާވެ، ބޭންކިންގ ސިނާއަތުގައި ވާދަވެރިކަން އުފެދި، އާންމު ރައްޔިތުންނަށް މާލީ ޚިދުމަތްތައް ހޯދުމުގައި އިތުރު ލުއިފަސޭހަތަކެއް ލިބިގެންދާނެ މުހިންމު ކުރިއެރުމެއް ކަމަށް އެމްއެމްއޭއިން ވަނީ ސިފަކޮށްފައެވެ. އަދި އެ އޮތޯރިޓީގެ މައިގަނޑު އަމާޒަކީ ހަރުދަނާ އުސޫލުތަކެއްގެ މަތިން ލައިސެންސް ދޫކުރުމާއި ސުޕަވައިޒްކުރުމުގެ ކަންކަން ކުރިއަށް ގެންގޮސް، ހުރިހާ ފަރާތްތަކެއް ޝާމިލުވާފަދަ ވާދަވެރި މާލީ ނިޒާމެއް ރާއްޖޭގައި ދެމެހެއްޓުންކަންވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
ރާއްޖޭގެ ބޭންކިންގ ސިނާއަތަށް އަލަށް ތަޢާރަފުވި މޯލްޑިވްސް ޕްރިމިއަރ ބޭންކަކީ ރާއްޖޭގެ ފާހަގަކޮށްލެވޭ ކާމިޔާބު ވިޔަފާރިވެރިޔާ މުޙައްމަދު ޢަލީ ޖަނާހުގެ ހިއްސާ އެކުލެވޭ ކުންފުންޏެކެވެ. މިއާއެކު ރާއްޖޭގެ މާލީ ބާޒާރަށް އައު އިންވެސްޓްމަންޓްތަކަކާއި ޚިދުމަތްތަކެއް އަންނާނެކަމަށް ބެލެވެއެވެ.
ކޮމެންޓު ފޮނުވާ