ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހާ ގުޅިގެން އަތޮޅު ކައުންސިލްތައް އުވާލުމަށްފަހު، ކޮންމެ އަތޮޅެއްގައި ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)ގެ އޮފީހެއް ގާއިމުކުރަން ރައީސް އޮފީހުން އެލްޖީއޭއަށް އަންގައިފިއެވެ.
ކައުންސިލްތަކުގެ އާ ދައުރު ފެށި، އާ ކައުންސިލަރުން ހުވާކުރުމާއެކު، ކުރިން އޮތް އަތޮޅު ކައުންސިލްތައް އިއްޔެއިން ފެށިގެން ވަނީ އުވިފައެވެ. ގާނޫނަށް ގެނައި މި ބަދަލާއެކު އަތޮޅުތައް ހިންގުމުގެ އެންމެހާ ކަންކަން މިހާރު ވަނީ އެލްޖީއޭގެ ބާރުގެ ދަށަށް ގެންގޮސްފައެވެ. މީގެ ތެރޭގައި ލާމަރުކަޒީ އުސޫލުން ހިދުމަތް ދިނުމަށްޓަކައި އަތޮޅުތަކުގައި އެލްޖީއޭގެ އޮފީސްތައް ގާއިމުކުރުން ހިމެނެއެވެ.
ރައީސް އޮފީހުން އެލްޖީއޭގެ ސީއީއޯ މުހައްމަދު ނިމާލަށް ފޮނުއްވި ސިޓީއެއްގައި ބަޔާންކޮށްފައިވަނީ، އަލަށް ގާއިމުކުރާ އޮފީސްތަކަކީ ސަރުކާރުގެ ވަކި އިދާރާތަކެއްގެ ބަދަލުގައި އެލްޖީއޭގެ ބައެއްގެ ގޮތުގައި ހިމެނޭ ތަންތަން ކަމަށެވެ. އެހެންކަމުން އެ އޮފީސްތަކަށް ކިޔާނެ ނަމެއް ރައީސުލްޖުމްހޫރިއްޔާ ވަނީ ކަނޑައަޅުއްވާފައެވެ. އެގޮތުން ހަމަޖައްސަވާފައިވާ ނަމަކީ "ލޯކަލް ގަވަމެންޓް އޮތޯރިޓީ – (އަތޮޅުގެ ނަން) އަތޮޅު އޮފީސް" އެވެ. މިސާލަކަށް ބ. އަތޮޅުގައި ގާއިމުކުރާ އޮފީހަށް ކިޔާނީ "ލޯކަލް ގަވަމެންޓް އޮތޯރިޓީ – ބ. އަތޮޅު އޮފީސް" އެވެ.
އަތޮޅު ކައުންސިލްތަކުގެ އިދާރާތައް އުވިގެންދާއިރު، އެތަންތަނުގައި މަސައްކަތްކުރަމުންދާ މުވައްޒަފުންގެ ވަޒީފާއާމެދު ކަންބޮޑުވުންތަކެއް ނުބޭއްވުމަށް ރައީސް ވަނީ އަންގަވާފައެވެ. އެއްވެސް މުވައްޒަފެއްގެ ވަޒީފާ ނުގެއްލޭނެ ގޮތަށާއި، މިހާރު ލިބެމުންދާ މުސާރައާއި އިނާޔަތްތަކަށް އެއްވެސް އުނިކަމެއް ނާންނާނެހެން ކަމާބެހޭ ފަރާތްތަކާ މަޝްވަރާކޮށްގެން ކަންކަން ހަމަޖެއްސުމަށް ރައީސް އޮފީހުގެ ސިޓީގައި އެލްޖީއޭއަށް ވަނީ އިރުޝާދު ދެއްވާފައެވެ.
ކޮމެންޓު ފޮނުވާ