ވ. އަތޮޅުގައި ގެއްލުނު އިޓަލީގެ ޑައިވަރުން ހޯދުމުގެ އޮޕަރޭޝަން ކުރިއަށްދަނީ: ފެނުނީ އެންމެ މީހެއްގެ ހަށިގަނޑު

ވ. އަތޮޅުގައި ގެއްލުނު އިޓަލީގެ ޑައިވަރުން ހޯދުމުގެ އޮޕަރޭޝަން ކުރިއަށްދަނީ: ފެނުނީ އެންމެ މީހެއްގެ ހަށިގަނޑު

Author
އަހުމަދު
15 މެއި 2026 07:08
0

ވ. އަތޮޅު އަލިމަތާ ކައިރިއަށް ޑައިވިނަށް ގޮސް އުޅެނިކޮށް ގެއްލުނު އިޓަލީގެ ފަސް ފަތުރުވެރިންގެ ތެރެއިން ހަތަރު މީހަކު ހޯދުމުގެ މަސައްކަތް އެމްއެންޑީއެފުން ދަނީ ކުރަމުންނެވެ. މިހާތަނަށް ފެނިފައިވަނީ މީގެ ތެރެއިން އެންމެ މީހެއްގެ ހަށިގަނޑެވެ.

ސަރުކާރުގެ އިސްތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފް (މުންދު) ވިދާޅުވި ގޮތުގައި، ގެއްލުނު މީހުން ހޯދުމަށް އެމްއެންޑީއެފްގެ އަށް ޑައިވަރުން ބައިވެރިވެގެން ފުރަތަމަ ސާޗް މިހާރު ވަނީ ނިންމާލާފައެވެ. 45-50 މީޓަރުގެ ފުންމިނުގައި އޮންނަ، ގާތްގަނޑަކަށް 200 ފޫޓު ދިގު ހޮހޮޅައެއްގެ ތެރެއަށް މި މީހުން ވަދެފައިވާ ކަމަށް ލަފާކުރެވޭއިރު، ފުރަތަމަ ޑައިވްގައި ހޮހޮޅައިގެ އެތެރޭގެ ވަކި ހިސާބަކަށް ވަނީ ބަލާފައެވެ. ޑައިވަރުން އެހާ ފުނުގައި އުޅުމަށްފަހު މައްޗަށް އެރުމުން ޑީކޮމްޕްރެޝަން ފުރިހަމަކުރަން ޖެހޭތީ، ދެވަނަ ޑައިވް މާދަމާގެ ވަގުތެއްގައި ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

އިއްޔެ މެންދުރުފަހު 1:45 ހާއިރު މި ހާދިސާ ފުލުހުންނަށް ރިޕޯޓުކޮށްފައިވާއިރު، އިޓަލީގެ ފޮރިން މިނިސްޓްރީއާ ހަވާލާދީ ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓުކޮށްފައިވަނީ ފަސް ޑައިވަރުންވެސް މަރުވެފައިވާ ކަމަށެވެ. މުންދު ވިދާޅުވީ މޫސުން ގޯސްވެ ކަނޑުގަދަވުމުގެ ސަބަބުން މީހުން ހޯދުމުގެ އޮޕަރޭޝަނަށް ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިވެފައިވާ ކަމަށެވެ. އަދި ރޭ ފެނުނު މީހާގެ ހަށިގަނޑު ފިޔަވައި އިތުރު މީހެއްގެ ހިލަމެއް އަދި ނުވެއެވެ.

މި ހިތާމަވެރި ހާދިސާއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ، ގެއްލުނު މީހުން ހޯދުމަށް ހާއްސަ މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކުރައްވާފައެވެ. އަދި މިކަމާ ގުޅިގެން ފުން ހިތާމައެއް ލިބިވަޑައިގެންފައިވާ ކަމަށް ވިދާޅުވެ، މަރުވި މީހާއާއި ގެއްލުނު މީހުންގެ އާއިލާތަކަށް އެމަނިކުފާނު ވަނީ ތައުޒިޔާ ފޮނުއްވައި ހެޔޮ ދުއާ ކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.