ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ފަންނީ މުވައްޒަފުން އިތުރުކޮށް، ގާބިލުކަން އިތުރުކުރުމުގެ މަގުސަދުގައި އެ ބޭންކުން 'ޗާޓާޑް ބޭންކާ ޕްރޮގްރާމް' ފަށައިފިއެވެ.
މިއީ ރާއްޖޭގެ މާލީ ދާއިރާއަށް ބޭނުންވާ ފެންވަރު ރަނގަޅު ބޭންކަރުން ބިނާކުރުމަށްޓަކައި، އޭޝިއަން އިންސްޓިޓިއުޓް އޮފް ޗާޓާޑް ބޭންކާސް (އޭއައިސީބީ) އާއެކު މިދިޔަ ޖެނުއަރީ މަހު ސޮއިކުރި އެއްބަސްވުމެއްގެ ދަށުން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މުވައްޒަފުން ތަމްރީނުކުރުމަށް ހާއްސަކޮށްފައިވާ ބީއެމްއެލް އެކަޑަމީ މެދުވެރިކޮށް ހިންގާ މި ޕްރޮގްރާމްގެ ފުރަތަމަ ބެޗުގައި ބޭންކުގެ 30 މުވައްޒަފަކު ވަނީ ބައިވެރިވެފައެވެ. އަދި ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި އެ މުވައްޒަފުން މި ކޯސް ފުރިހަމަކުރާނެއެވެ.
މި އިންވެސްޓްމަންޓަކީ ބޭންކަށް ގެންނަމުންދާ ބަދަލުތައް ތަންފީޒުކޮށް، މުޅި ރާއްޖެއަށް ފެންވަރު ރަނގަޅު ބޭންކިން ހިދުމަތްތަކެއް ފޯރުކޮށްދިނުމަށް ބީއެމްއެލްއިން ދޭ އަހުމިއްޔަތުކަން އަންގައިދޭ ކަމެކެވެ.
މި ޕްރޮގްރާމާ ގުޅޭގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ، ބޭންކުގެ އެންމެ ބޮޑު ރައުސްމާލަކީ މުވައްޒަފުން ކަމަށާއި، މެދުނުކެނޑި ފަންނީ ތަރައްގީއަށް ކުރެވޭ މިފަދަ މަސައްކަތްތަކަކީ މުއައްސަސާ ވަރުގަދަކޮށް މުސްތަގުބަލުގެ ލީޑަރުން ބިނާކުރުމަށް ވަރަށް މުހިންމު ކަމެއް ކަމަށެވެ. މީގެ އިތުރުން، މި ޕްރޮގްރާމުން ލިބޭ އިލްމާއި ތަޖުރިބާއަކީ މުވައްޒަފުންގެ އަމިއްލަ ކުރިއެރުމަށާއި ބޭންކުގެ ދެމެހެއްޓެނިވި ތަރައްގީއަށް ލިބޭނެ ވަރަށް މުހިންމު ބާރެއްކަމުގެ ޔަގީންކަން އެބައޮތްކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
ކޮމެންޓު ފޮނުވާ