ތިމަރަފުށީ ކައުންސިލް އިންތިޚާބުގެ ވޯޓު އަލުން ގުނުމުގެ މައްސަލަ ހައިކޯޓަށް

ތިމަރަފުށީ ކައުންސިލް އިންތިޚާބުގެ ވޯޓު އަލުން ގުނުމުގެ މައްސަލަ ހައިކޯޓަށް

Author
އަހުމަދު
12 މެއި 2026 09:11
0

ތ. ތިމަރަފުށީ ކައުންސިލް އިންތިޚާބުގެ ނަތީޖާއާމެދު ސުވާލު އުފައްދައި، ވޯޓު އަލުން ގުނުމަށް ނުވަތަ އިންތިޚާބު އަލުން ބޭއްވުމަށް އެދި ހައިކޯޓަށް މައްސަލައެއް ހުށަހަޅައިފިއެވެ.

ޕީއެންސީގެ ކެންޑިޑޭޓް މުޙައްމަދު އިމާދުގެ ފަރާތުން ކޯޓަށް ހުށަހެޅި މި މައްސަލައިގައި އޭނާގެ ވަކީލުން ފާހަގަކުރައްވާފައިވަނީ، ވޯޓުލާ މަރުކަޒުން ފުރަތަމަ އިޢުލާންކުރި ނަތީޖާއާއި އިލެކްޝަންސް ކޮމިޝަން (އީސީ) އިން ފަހުން ޢާންމުކުރި ރަސްމީ ނަތީޖާއާ ދެމެދު ބޮޑެތި ތަފާތުތަކެއް ހުރިކަމަށެވެ. އެހެންކަމުން އިންސާފުވެރިކަން ކަށަވަރުކުރުމަށްޓަކައި މައްސަލަ އުފެދިފައިވާ ފޮށި އަލުން ގުނުމަށް ނުވަތަ މުޅި އިންތިޚާބު އަލުން ބޭއްވުމަށް ވަނީ އެދިފައެވެ. އިލެކްޝަންސް ކޮމިޝަންގެ ރަސްމީ ނަތީޖާ ދައްކާގޮތުން މި އިންތިޚާބުގައި ތިމަރަފުށީ ކައުންސިލްގެ ގޮނޑިތައް ކާމިޔާބުކުރީ ޕީއެންސީގެ ކެންޑިޑޭޓް އަޙްމަދު ޔާމީނާއި އެމްޑީޕީގެ ކެންޑިޑޭޓް ޢަލީ ޝާހެވެ.

މި ތުހުމަތުތަކަށް ރައްދުދީ އީސީން ކޯޓުގައި ބުނެފައިވަނީ، ނަތީޖާއިން ފަރަގެއް ފެންނަން ހުރީ ފުރަތަމަ ނަތީޖާ އެއްކުރިއިރު އެއް ޝީޓު އުނިވެފައި އޮތުމުގެ ސަބަބުން ކަމަށެވެ. އަދި އެ ނަތީޖާ ޝީޓު ހިމެނުމުން ޖުމްލަ ޢަދަދުތައް ރަނގަޅަށް ދިމާވާނެކަމުގެ ޔަޤީންކަން އެ ކޮމިޝަނުން ވަނީ ދީފައެވެ.

ހައިކޯޓުގައި މިހާރު ވަނީ މި މައްސަލައިގެ އަޑުއެހުންތައް ފަށައި، ކުރިއަށް ގެންގޮސްފައެވެ. އިސްފަނޑިޔާރު ޢަބްދުﷲ ޖަމީލް މޫސާއާއި، ފަނޑިޔާރު ޙުސައިން މަޒީދު އަޙްމަދު އަދި ފަނޑިޔާރު ޢަބްދުލްމާނިއު ޙުސައިން ހިމެނިވަޑައިގަންނަވާ ބެންޗުން ބައްލަވާ މި މައްސަލައިގައި އިތުރު ކަމެއް ސާފުކުރަން ނުޖެހޭނަމަ، ދެން އޮންނާނީ މައްސަލައިގެ ޙުކުމް އިއްވުންކަމަށް ކޯޓުން ވަނީ ހާމަކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.