ޕްރިޒަންސް ކްލަބުގެ ފައިސާގެ މައްސަލައިގައި ވަކިކުރި އާސިފަށް އަލުން ވަޒީފާ ދޭން ހުކުމްކޮށްފި

ޕްރިޒަންސް ކްލަބުގެ ފައިސާގެ މައްސަލައިގައި ވަކިކުރި އާސިފަށް އަލުން ވަޒީފާ ދޭން ހުކުމްކޮށްފި

Author
އަހުމަދު
11 މެއި 2026 06:21
0

ޕްރިޒަންސް ކްލަބުގެ ފައިސާއަށް ހިޔާނާތްތެރިވި ކަމުގެ ތުހުމަތުގައި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އެސިސްޓެންޓް ކޮމިޝަނަރު މުހައްމަދު އާސިފް ވަޒީފާއިން ވަކިކުރީ ގޯސްކޮށް ކަމަށް ކަނޑައަޅައި، އޭނާއަށް އަލުން ވަޒީފާ ދިނުމަށް ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.

އާސިފް އިސްކޮށް ހުންނަވާ ޕްރިޒަންސް ކުލަބުގެ އެކައުންޓުން ދެލައްކައަށްވުރެ ގިނަ ރުފިޔާ އެކިއެކި އެކައުންޓުތަކަށް ޖަމާކުރިކަމަށް ބުނާ މައްސަލައެއް ފެންމަތިވުމާ ގުޅިގެން، އޭނާ ވަނީ ދިގު މުއްދަތަކަށް ސަސްޕެންޑް ކުރުމަށްފަހު މިދިޔަ އަހަރުގެ ޖުލައި މަހު މަގާމުން ވަކިކޮށްފައެވެ. އެ ނިންމުމާ މެދު ހިތްހަމަނުޖެހިގެން އާސިފްގެ ފަރާތުން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅީ، އޭނާ ވަކިކޮށްފައިވަނީ ބަލަންޖެހޭ ކަންކަން ރަނގަޅަށް ތަހުގީގު ކުރުމެއް ނެތި، އަދި އިންސާފުވެރިކަމާއެކު ނޫން ކަމަށް ބުނެއެވެ.

މި މައްސަލަ ކޯޓުގައި ހިނގަމުންދިޔަ ދުވަސްވަރު، އެ މަގާމަށް އެހެން މީހަކު އައްޔަންކުރުން މަޑުޖައްސާލުމަށް ސިވިލް ކޯޓުގެ އިސްގާޒީ މަރިޔަމް ވަހީދު ކުރިން އޮތީ އަމުރުކުރައްވާފައެވެ. މައްސަލަ ބަލައި ނިންމުމަށްފަހު ކޯޓުން ކުރި ހުކުމްގައި ބުނެފައިވަނީ، ކަރެކްޝަންސް އިން އާސިފް ވަޒީފާއިން ވަކިކޮށްފައިވަނީ ގޯސްކޮށް ކަމަށެވެ.

އެހެންކަމުން، އޭނާ ކުރިން ހުރި އެސިސްޓެންޓް ކޮމިޝަނަރުގެ މަގާމަށް އަލުން އައްޔަންކުރުމަށާއި، ވަޒީފާއިން ވަކިކޮށްފައި ހުރި މުއްދަތުގައި ލިބެންޖެހޭ މުސާރަ ދިނުމަށް ސިވިލް ކޯޓުން ވަނީ ދައުލަތުގެ މައްޗަށް އަމުރުކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.