ބީއެމްއެލްގެ ކާޑު ލިމިޓަށް ގެނައި ބަދަލުން ބޭރުގައި ކިޔަވާ ކުދިންނަށް އަސަރެއް ނުކުރާނެ

ބީއެމްއެލްގެ ކާޑު ލިމިޓަށް ގެނައި ބަދަލުން ބޭރުގައި ކިޔަވާ ކުދިންނަށް އަސަރެއް ނުކުރާނެ

Author
އަހުމަދު
07 މެއި 2026 03:08
0

ބޭންކު އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ރުފިޔާ ކާޑުތަކުން ބޭރުގެ އޮންލައިން ވިޔަފާރިތަކަށް ފައިސާ ކެނޑޭ މިންވަރު ލިމިޓުކުރި ނަމަވެސް، ރާއްޖެއިން ބޭރުގައި ކިޔަވާ އަދި ދިރިއުޅޭ ފަރާތްތަކަށް އޭގެ އެއްވެސް އަސަރެއް ނުކުރާނެކަމަށް އެ ބޭންކުން ބުނެފިއެވެ.

ބީއެމްއެލްގެ ތަރުޖަމާނު މުހައްމަދު ސައީދު ވިދާޅުވީ، މި ބަދަލު ގެންނަން ޖެހުނީ ބޭންކަށް ޑޮލަރު ލިބޭ މިންވަރަށްވުރެ ވިއްކަންޖެހޭ މިންވަރު އިތުރުވުމާ ގުޅިގެން ކަމަށެވެ. މެދުއިރުމަތީގެ މައްސަލަތަކާ ގުޅިގެން ފަތުރުވެރިން އަންނަ އަދަދު މަދުވެފައިވާއިރު، ރުފިޔާ ކާޑުތަކުން ދުވާލެއްގެ މައްޗަށް 1.33 މިލިއަން ޑޮލަރު ބޭންކުން ވިއްކަމުން ދިޔަކަން އޭނާ ފާހަގަކުރެއްވިއެވެ. އެހެންކަމުން، ބައެއް އީ-ކޮމާސް އަދި ރީޓެއިލް ވެބްސައިޓުތަކަށް ދުވާލަކަށް ކަނޑައެޅިފައިވާ ބަޖެޓެއް ހަމަވުމުން އެ ދުވަހަކަށް އެ ސައިޓުތަކުން މުއާމަލާތް ނުކުރެވޭނެ ގޮތަށް މިހާރު ވަނީ ހަމަޖައްސާފައެވެ. އަދި މިކަން ބީއެމްއެލް އެޕް މެދުވެރިކޮށް ކަސްޓަމަރުންނަށް އަންގަމުންދާނެއެވެ.

މި ބަދަލާއެކުވެސް ޑޮލަރު އެކައުންޓްތަކާ ގުޅިފައިވާ ކާޑުތަކުން ކުރިންވެސް އޮންނަ ގޮތަށް އެއްވެސް ލިމިޓަކާ ނުލައި މުއާމަލާތް ކުރެވޭނެއެވެ. މީގެ އިތުރުން، ބޭރުގައި ކިޔަވާ ކުދިންގެ ތެރެއިން މައިންބަފައިންގެ ކާޑު ބޭނުންކުރާ ކުދިންނަށް އަމިއްލަ ސްޓޫޑަންޓް ކާޑު ހެއްދުމަށް ތިން މަސްދުވަހުގެ މުހުލަތެއް ބޭންކުން ވަނީ ދީފައެވެ. އަދި އެ މުއްދަތުގެ ތެރޭގައި އެ ކުދިންނަށް ބެލެނިވެރިންގެ ކާޑުތައް އެއްވެސް ދަތިކަމަކާ ނުލައި ބޭނުންކުރެވޭނެކަމުގެ ޔަގީންކަން ބޭންކުން ވަނީ ދީފައެވެ.

ބޭންކުގެ ތަފާސްހިސާބުތައް ދައްކާގޮތުން، މި އަހަރުގެ އޭޕްރީލް މަހުގެ ނިޔަލަށް ރާއްޖެއިން ބޭރަށް ފައިސާ ފޮނުވުމަށާއި ކާޑުގެ މުއާމަލާތްތަކަށް 296 މިލިއަން ޑޮލަރު ވަނީ ވިއްކާފައެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު ވަރަށް ބޮޑު އިތުރުވުމެކެވެ. ކާޑު މުއާމަލާތްތަކަށް އެކަނިވެސް މަހަކު އެވްރެޖުކޮށް 40 މިލިއަން ޑޮލަރު ވިއްކާފައިވާއިރު، ޓީޓީއަށް އެވްރެޖުކޮށް މަހަކު 34 މިލިއަން ޑޮލަރު ވަނީ ވިއްކާފައެވެ. ބީއެމްއެލްއިން ބުނީ ޒަރޫރީ ބޭނުންތަކަށް ބޭރު ފައިސާ އިގްތިސާދު ކުރުމަށް މި ފިޔަވަޅުތައް އަޅަން މަޖުބޫރުވި ނަމަވެސް، ޑޮލަރު ލިބޭ މިންވަރަކަށް ބަލައި ކުރިއަށް އޮތް ތާނގައި ލިމިޓުތަކަށް ބަދަލު ގެންނަމުންދާނެ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.