ސީއެމްޑީއޭގެ ހިންގުން ވަގުތީގޮތުން ޑެޕިއުޓީ ސީއީއޯ ފާތިމަތުއާ ހަވާލުކޮށްފި

ސީއެމްޑީއޭގެ ހިންގުން ވަގުތީގޮތުން ޑެޕިއުޓީ ސީއީއޯ ފާތިމަތުއާ ހަވާލުކޮށްފި

Author
އަހުމަދު
03 މެއި 2026 04:04
0

ކެޕިޓަލް މާކެޓް ޑިވެލޮޕްމެންޓް އޮތޯރިޓީ (ސީއެމްޑީއޭ)ގެ ޗީފް އެގްޒެކެޓިވް އޮފިސަރ (ސީއީއޯ) ގެ މަޤާމުގައި ހުންނެވި މުހައްމަދު ހުސެއިން މަނިކު ރިޓަޔަރ ކުރެއްވުމާ ގުޅިގެން، އެ އިދާރާ ހިންގުން ވަގުތީގޮތުން ޑެޕިއުޓީ ސީއީއޯ ފާތިމަތު އަބްދުﷲ ކަމާލުއްދީންއާ ހަވާލުކޮށްފިއެވެ.

ސީއެމްޑީއޭއިން އާންމުކޮށްފައިވާ ނޫސްބަޔާނެއްގައި ބުނެފައިވާ ގޮތުން، ފާތިމަތުއާ މި މަސްއޫލިއްޔަތުތައް ހަވާލުކުރީ ކުރިން އެ މަޤާމުގައި ހުންނެވި މަނިކު މިދިޔަ މަހުގެ 30 ވަނަ ދުވަހު މަޤާމުން ރިޓަޔަރ ކުރެއްވުމާ ގުޅިގެންނެވެ. އެހެންކަމުން، ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީސްއާބެހޭ ޤާނޫނުގެ ދަށުން އެ އޮތޯރިޓީއަށް އައު ސީއީއޯއަކު އައްޔަން ކުރެވެންދެން، އިދާރާގެ ހިންގުމުގެ އެންމެހާ ކަންކަން ބަލަހައްޓަވާނީ އޭނާއެވެ.

ވަގުތީގޮތުން އިދާރާގެ ހިންގުމާ ހަވާލުވެވަޑައިގެންނެވި ފާތިމަތު، ސީއެމްޑީއޭގެ ޑެޕިއުޓީ ސީއީއޯގެ މަޤާމަށް އައްޔަންކުރައްވާފައިވަނީ 2021 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ.

މާލީ ސެކިއުރިޓީސްއާބެހޭ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން، ސީއެމްޑީއޭގެ ސީއީއޯގެ މަޤާމަށް ބޭފުޅަކު އައްޔަން ކުރައްވާނީ އެ އިދާރާގެ ޑިރެކްޓަރުންގެ ބޯޑުން ދެއްވާ ލަފާގެ މަތިން، ރައީސުލްޖުމްހޫރިއްޔާއެވެ. އައު ބޭފުޅަކު އެ މަޤާމަށް އައްޔަންކުރެވެންދެން އިދާރާގެ މަސައްކަތްތައް މެދުނުކެނޑި ކުރިއަށްދާނެކަމުގެ ޔަޤީންކަން އެ އޮތޯރިޓީން ވަނީ ދީފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.