ދިވެހިންގެ ތެރޭގައި މަގުބޫލު އީކޮމާސް ސައިޓުތައް ކަމަށްވާ ޓީމޫ އަދި ޝީން ފަދަ ޕްލެޓްފޯމްތަކުން ބީއެމްއެލްގެ ރުފިޔާ ކާޑު ބޭނުންކޮށްގެން ވިޔަފާރިކުރެވޭ މިންވަރު ކޮންޓްރޯލް ކުރުމަށްޓަކައި ދުވަހު ބަޖެޓެއް ކަނޑައަޅަން އެ ބޭންކުން ނިންމައިފިއެވެ.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފު ވިދާޅުވި ގޮތުގައި މި ފިޔަވަޅު އަޅަން ޖެހުނީ، އަމިއްލަ ބޭނުންތަކަށް ދޫކޮށްފައިވާ ކާޑުތައް ބޭނުންކޮށްގެން ވިޔަފާރި އުސޫލުން ބައެއް ފަރާތްތަކުން ގިނަ އަދަދެއްގެ މުދާ ގަންނަމުންދާތީއެވެ. މިކަމުގެ ސަބަބުން މަދު ބަޔަކަށް ގިނަ ޑޮލަރުތަކެއް ލިބި، އެހެން ރައްޔިތުންގެ ޒަރޫރީ ބޭނުންތަކަށް ޑޮލަރު ފޯރުކޮށްދިނުމަށް ދަތިތަކަކާ ކުރިމަތިލާންޖެހޭ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. މި ފިޔަވަޅު ނާޅައިފިނަމަ ކުރިއަށް އޮތް ތަނުގައި އާންމު ރައްޔިތުންނަށް އިތުރު ދަތިތަކާ ކުރިމަތިލާން ޖެހިދާނެކަމުގެ ކަންބޮޑުވުންވެސް އޭނާ ފާޅުކުރެއްވިއެވެ. އެހެންނަމަވެސް، ދުވާލަކަށް ކަނޑައަޅާފައިވާ ބަޖެޓުގެ ސީދާ އަދަދާއި، މި ލިމިޓު ހިނގާނެ އިތުރު ސައިޓުތަކުގެ ތަފްސީލެއް ބޭންކުން އަދި ހާމަކޮށްފައެއް ނުވެއެވެ.
މީގެ އިތުރުން، އީކޮމާސް ސައިޓުތަކަށް ޑޮލަރު ބޭރުވާ މިންވަރު މަދުކުރުމަށްޓަކައި ބީއެމްއެލްއިން ވަނީ ކޮންމެ ކަސްޓަމަރަކަށްވެސް މަހެއްގެ މައްޗަށް ރުފިޔާ ކާޑުން ކުރެވޭނެ މުއާމަލާތްތަކުގެ (ޓްރާންސެކްޝަންތަކުގެ) އަދަދު 30 އަށް ލިމިޓުކޮށްފައެވެ. ބޭންކުން މައުލޫމާތު ދޭ ގޮތުގައި މަހެއްގެ މައްޗަށް 30 އަށްވުރެ ގިނަ ޓްރާންސެކްޝަން ހަދަނީ ޖުމްލަ ކަސްޓަމަރުންގެ ތެރެއިން އެންމެ ތިން އިންސައްތައަށްވުރެ ވެސް މަދު މީހުންނެވެ. މި ބަދަލަކީ ކަނޑައެޅިފައިވާ ބަޖެޓު ހުރިހާ ކަސްޓަމަރުންނަށްވެސް ހަމަހަމަކަމާއެކު ބޭނުންކުރުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ގެނައި މުހިންމު ބަދަލެއް ކަމަށް ބީއެމްއެލްއިން ބުނެއެވެ.
ކޮމެންޓު ފޮނުވާ