މަސައްކަތްތެރިންނަށް އަމާން އަދި ރައްކާތެރި މާހައުލެއް ކަށަވަރުކޮށްދޭނަން: އިހުސާން

މަސައްކަތްތެރިންނަށް އަމާން އަދި ރައްކާތެރި މާހައުލެއް ކަށަވަރުކޮށްދޭނަން: އިހުސާން

Author
އަހުމަދު
01 މެއި 2026 08:05
0

ދިވެހިރާއްޖޭގެ މަސައްކަތްތެރިންނަށް އަމާން، އަބުރުވެރި އަދި ރައްކާތެރި މަސައްކަތުގެ މާހައުލެއް ހޯދައިދިނުމަކީ ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒުކަމުގައި ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިހުސާން ވިދާޅުވެއްޖެއެވެ.

ބައިނަލްއަޤުވާމީ މަސައްކަތްތެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ކަމާބެހޭ މުއައްސަސާތަކާ ގުޅިގެން މާލޭގައި ބޭއްވި ހިނގާލުން ނިންމާލުމަށް ރަސްފަންނުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، މަސައްކަތްތެރިންނަކީ އެމީހުންގެ ޙައްޤުތަކަށް އަބަދުވެސް ވަކާލާތުކުރާ ބައެއް ކަމަށެވެ. އަދި މިއަހަރަކީ އިންޑަސްޓްރިއަލް ރިލޭޝަންސްގެ ޤާނޫނާއި އޮކިއުޕޭޝަނަލް ސޭފްޓީ އެންޑް ހެލްތުގެ ޤާނޫނު އެންމެ ފުރިހަމަ ގޮތުގައި ތަންފީޒުކުރަން ފަށާނެ އަހަރުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތްއިރު ލޭބަރ ރިލޭޝަންސް އޮތޯރިޓީގައި ގިނަ މައްސަލަތަކެއް ނުނިމި ފުނިޖެހިފައި ހުރިކަން ފާހަގަކުރައްވައި، މިނިސްޓަރު ވިދާޅުވީ އެއީ މަސައްކަތްތެރިންގެ ޙައްޤުތަކެއް ކަމަށާއި، އެ މައްސަލަތަކަށް އިންސާފުވެރި އަވަސް ޙައްލެއް ގެނެސްދެއްވާނެ ކަމަށެވެ. މީގެ އިތުރުން، މަސައްކަތްތެރިންނާ ގުޅުންހުރި ހުރިހާ ގަވާއިދުތަކެއް އަކުރުން އަކުރަށް ތަންފީޒުކުރުމުގެ މަސައްކަތް ސަރުކާރުން ފަށާނެކަމުގެ ޔަޤީންކަންވެސް ދެއްވިއެވެ.

މީގެ ކުރީ އަހަރުތަކުގައި މަސައްކަތްތެރިންގެ ދުވަސް ފާހަގަކުރަމުން އައީ ސަރުކާރާ ދެކޮޅު ރޫޙެއްގައި ކަމަށްވިޔަސް، މިހާރު ސަރުކާރުގެ ވިސްނުމަކީ މަސައްކަތްތެރިންގެ އަޑުއަހައި، އެމީހުންނާ ގުޅިގެން އެކުގައި ކުރިއަށްދިޔުން ކަމަށް އިހުސާން ވިދާޅުވިއެވެ. މަސައްކަތްތެރިންނަށް ޤާނޫނުން ލިބިދޭންޖެހޭ ރައްކާތެރިކަމާއި ޙިމާޔަތް މިހާތަނަށް ކަށަވަރުކޮށްދެވިފައި ނެތްކަމަށް އެއްބަސްވެވަޑައިގަންނަވަމުން، މިނިސްޓަރު ވަނީ އެންމެނަށް ހަމަހަމަ، އަބުރުވެރި ވަޒީފާގެ ފުރުޞަތުތަކެއް ފަހިކޮށްދެއްވައި، މަސައްކަތްތެރިންގެ ޙައްޤުތަކަށް އެދެވިގެންވާ ޙައްލެއް ލިބެންދެން ސަރުކާރުން މަސައްކަތް ހުއްޓާނުލާނެކަމުގެ ވަޢުދުވެވަޑައިގެންފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.