ފަތުރުވެރިކަމަށް އައި ހީނަރުކަމާއެކު ޓީއެމްއޭގެ މުވައްޒަފުންގެ މުސާރަ ކުޑަކުރަން ނިންމައިފި

ފަތުރުވެރިކަމަށް އައި ހީނަރުކަމާއެކު ޓީއެމްއޭގެ މުވައްޒަފުންގެ މުސާރަ ކުޑަކުރަން ނިންމައިފި

Author
އަހުމަދު
01 މެއި 2026 11:07
0

މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމަށް ކުރިމަތިވި ގޮންޖެހުންތަކާއެކު، ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން އޮޕަރޭޓަރު، ޓްރާންސް މޯލްޑިވިއަން އެއަރވޭޒް (ޓީއެމްއޭ) އިން މުވައްޒަފުންގެ މުސާރަ ވަގުތީގޮތުން ކުޑަކުރަން ނިންމައިފިއެވެ.

އިސްރާއީލާއި، އެމެރިކާ އަދި އީރާނާ ދެމެދު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން، މެދުއިރުމަތި ހުރަސްކޮށް ރާއްޖެއަށް އަންނަ ގިނަ ފްލައިޓުތަކެއް ވަނީ ކެންސަލްވެފައެވެ. މީގެ ނަތީޖާއެއްގެ ގޮތުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ވަރަށް ބޮޑަށް ދަށަށްގޮސް، ޓީއެމްއޭއިން ދަތުރުކުރާ ފަސިންޖަރުންގެ އަދަދުވެސް ވަނީ އިންތިހާއަށް މަދުވެފައެވެ.

މި މާލީ ދަތިކަމުން އަރައިގަތުމަށް، ކޮންމެހެން ކުރަންޖެހޭ ޚަރަދުތައް ފިޔަވައި އެހެނިހެން ޚަރަދުތައް ކުޑަކުރުމަށް ޓީއެމްއޭއިން ކުރިން މަސައްކަތްކުރިއެވެ. ނަމަވެސް، ފަތުރުވެރިން އަންނަ މިންވަރު ދަށްވުމުގެ ސަބަބުން އެ ފިޔަވަޅުތަކުން އެކަނި ކުންފުނީގެ މާލީ ހާލަތު ހަމައަކަށް ނޭޅުވޭނެތީ، މިއަދުން ފެށިގެން ކުރިއަށް އޮތް ތިން މަސްދުވަހަށް (2026 ޖުލައި މަހުގެ ނިޔަލަށް) މުސާރައަށް ބަދަލުގެންނަން ކުންފުނިން ވަނީ މަޖުބޫރުވެފައެވެ.

މުވައްޒަފުންނަށް ފޮނުވި މެސެޖެއްގައި އެ ކުންފުނިން ބުނެފައިވަނީ މިއީ މުވައްޒަފުންގެ ވަޒީފާތައް ސަލާމަތްކޮށް، ކުންފުނީގެ އޮޕަރޭޝަންތައް މެދުނުކެނޑި ކުރިއަށް ގެންދިއުމަށްޓަކައި ނިންމަންޖެހުނު ވަރަށް އުނދަގޫ ނިންމުމެއް ކަމަށެވެ. އަދި ފަސިންޖަރުންގެ އަދަދު 2025 ވަނަ އަހަރު ހުރި މިންވަރަށް އިއާދަވުމާއެކު، މުސާރަތައް ކުރިން ހުރި މިންވަރަށް އަލުން ރުޖޫޢަކުރާނެ ކަމުގެ ޔަގީންކަން ޓީއެމްއޭއިން ވަނީ ދީފައެވެ. ކުންފުނީގެ އެންމެ މުހިންމު ރައުސްމާލަކީ މުވައްޒަފުންކަން ފާހަގަކޮށް، މި ދަތި ދަނޑިވަޅުގައި މުވައްޒަފުން ދައްކަމުންދާ ކެތްތެރިކަމަށް ކުންފުނިން ވަނީ ޝުކުރު އަދާކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.