މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ރާއްޖެއަށް ކުރިމަތިވެދާނެ ދަތިތަކުން ރައްކާތެރިވުމުގެ ގޮތުން، ނޭޝަނަލް ފިއުލް ސްޓޯރޭޖެއް ގާއިމުކުރުމުގެ އަމަލީ މަސައްކަތް ސަރުކާރުން ފަށައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އުފައްދަވާފައިވާ ވަޒީރުންގެ ޚާއްޞަ ކޮމިޓީން ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެ ކޮމިޓީގެ ޗެއަރ އަދި ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވީ، ކަމާގުޅޭ ވުޒާރާތަކާއި އެސްޓީއޯ ގުޅިގެން ފިއުލް ސްޓޯރޭޖު ތަރައްޤީކުރާނެ ތަންތަން މިހާރު ފާހަގަކޮށްފައިވާ ކަމަށެވެ. ތިން ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ދަށުން މާލެ ކައިރިން ދެ ރަށެއްގެ ފަޅު ބަލަމުންދާއިރު، އަމާޒަކީ ކުރިއަށް އޮތް ދެ ހަފުތާ ތެރޭގައި ފީޒިބިލިޓީ ސްޓަޑީގެ ކަންކަން ނިންމައި ރައީސުލްޖުމްހޫރިއްޔާއަށް ތަފްސީލީ ރިޕޯޓެއް ހުށަހެޅުން ކަމަށް ވަޒީރު ވިދާޅުވިއެވެ. މި ތަންތަނަކީ މޫސުމީ ގޮތުން ރައްކާތެރި އަދި ބޮޑެތި އުޅަނދުތަކަށް ފަސޭހައިން ކައިރިކުރެވޭނެ ތަންތަނަށް ވާންޖެހޭނެކަންވެސް ވަނީ ފާހަގަކުރައްވާފައެވެ.
މެދުއިރުމަތީގެ މަސްރަޙު ގޯސްވަމުން ދިޔަ ނަމަވެސް، ރާއްޖެއަށް ބޭނުންވާ ތެލާއި، ކާބޯތަކެއްޗާއި ބޭސްފަރުވާގެ ސާމާނު ލިބުމުގައި މިވަގުތު އެއްވެސް ދަތިކަމެއް އަދި ކަންބޮޑުވުމެއް ނެތްކަމުގެ ޔަޤީންކަން ކޮމިޓީން ވަނީ ދީފައެވެ. އަދި ބައިނަލްއަޤުވާމީ ބާޒާރުގައި ތެލުގެ އަގުތައްވެސް މިވަގުތު ހުރީ އެއް ހަމައެއްގައި ހިފެހެއްޓިފައިކަން ވަނީ ފާހަގަކުރައްވާފައެވެ.
މި ބައްދަލުވުމުގައި ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ވިދާޅުވީ، ހަނގުރާމައިގެ ކުއްލި ހާލަތަކަށް ދާންޖެހިއްޖެނަމަ ދިވެހި ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކުން ސަލާމަތްވުމަށް ބޭރުގެ ޤައުމުތަކާއެކު ގާތުން މަޝްވަރާކުރައްވަމުން ގެންދަވާ ކަމަށެވެ. ބައިނަލްއަޤުވާމީ މައިދާނުގައި ރާއްޖެއިން އަބަދުވެސް އެންމެ އިސްކުރާނީ ޤައުމީ މަސްލަޙަތުކަމަށާއި، ކުދި ޖަޒީރާ ޤައުމުތަކުގެ ޙައްޤުގައި ވަކާލާތުކޮށް، ސުލްޙައަށް ގޮވާލުމުގައި ރާއްޖެއިން ދެމިއޮންނާނެކަން އެކަމަނާ ކަށަވަރުކޮށްދެއްވިއެވެ. ހަމައެހެންމެ، ޤައުމު ޑީފޯލްޓަކަށް ނުގޮސް ކަންކަން ކުރެވޭނެ މަގުން ސަރުކާރުން މަސައްކަތްކުރައްވަމުން ގެންދަވާކަންވެސް ވަނީ ފާހަގަކުރައްވާފައެވެ.
ވަޒީރުންގެ ޚާއްޞަ ކޮމިޓީގެ މި ނޫސްވެރިންގެ ބައްދަލުވުން ނިންމާލާފައިވަނީ، ކުރިމަތިވާ ކޮންމެ ކަމެއްވެސް ޙައްލުކުރާނީ ޤާނޫނާއި ޤަވާއިދުގެ ތެރެއިން ކަމަށާއި، އެއްވެސް ފަރާތަކާމެދު ބޭއިންސާފުން އަމަލުނުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ އަހައްމިއްޔަތުކަން ތަކުރާރުކުރައްވަމުންނެވެ.
ކޮމެންޓު ފޮނުވާ