މީހުންގެ އަބުރަށް އަރައިގަތުމަކީ ނޫސްވެރިކަމެއް ނޫން، އެއީ ފިނޑި އަމަލެއް: ޝެއިޚް އިލްޔާސް

މީހުންގެ އަބުރަށް އަރައިގަތުމަކީ ނޫސްވެރިކަމެއް ނޫން، އެއީ ފިނޑި އަމަލެއް: ޝެއިޚް އިލްޔާސް

Author
އަހުމަދު
29 އޭޕްރިލް 2026 01:14
0

މީހުންގެ އަބުރާއި އިއްޒަތް ގެއްލޭ ގޮތަށް ހަގީގަތާ ހިލާފު ވާހަކަތައް ފެތުރުމަކީ ނޫސްވެރިކަމުގެ މިނިވަންކަން ނޫން ކަމަށާއި، އެއީ ވަރަށް ފިނޑި އަމަލެއް ކަމަށް ޝެއިޚް އިލްޔާސް ހުސައިން ވިދާޅުވެއްޖެއެވެ.

ޝެއިޚް އިލްޔާސް މިފަދައިން ވިދާޅުވެފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ބޮޑެތި ތުހުމަތުތަކެއްކޮށް "އަދަދު" ނޫހުން ގެނެސްދިން "އައިޝާ" ޑޮކިއުމެންޓްރީގެ މައްސަލަ ފުލުހުން ތަހުގީގުކުރަމުންދާ ވަގުތެއްގައެވެ. އޭނާ ވިދާޅުވީ ޑިމޮކްރަސީގެ ނަމުގައި މީހުންގެ އަބުރު ކަތިލުމަކީ އިސްލާމްދީން އެއްވެސް ވަރަކަށް ހުއްދަކުރާ ކަމެއް ނޫން ކަމަށާއި، އެފަދަ ގޮތްގޮތަށް ހެޑްލައިންތައް ހެދުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

އިސްލާމްދީނުގެ މައިގަނޑު ފަސް މަގުސަދުގެ ތެރޭގައި މީހާގެ އަބުރާއި އިއްޒަތް ރައްކާތެރިކުރުން ހިމެނޭކަން ފާހަގަކުރައްވައި ޝެއިޚް ވިދާޅުވީ، މީހެއްގެ ބޮލުގައި ޒިނޭގެ ތުހުމަތު އަޅުވާނަމަ އެކަން ސާބިތުކޮށްދިނުމަށް ހަތަރު ހެކިން ގެންނަން ޖެހޭނެ ކަމަށެވެ. އަދި ހަމަ ލޮލަށް ދެމީހަކަށް ފެނުނު ކަމުގައިވިޔަސް، ހަތަރު ހެކިން ހަމަނުވާނަމަ އެކަން ޝަރީއަތަށް ސާބިތުނުވާނެ ކަމަށާއި، އެފަދަ ތުހުމަތުތައް ކުރާ މީހުންގެ ހެކިބަސް ގަބޫލުނުކުރުމަށާއި އެމީހުން ތައުބާވުމަށް ކީރިތި ގުރުއާނުގައި އަންގަވާފައިވާ ކަމަށްވެސް ޝެއިޚް ވިދާޅުވިއެވެ.

މިފަދަ ކަންކަމަކީ ކުޅިވަރަކަށް ހަދައިގެން ގައުމުގައި ކުރެވޭނެ ކަންކަން ނޫންކަން ފާހަގަކުރައްވައި، ކަމާބެހޭ މުއައްސަސާތަކަށް ޝެއިޚް ވަނީ ގޮވާލައްވާފައެވެ. އެގޮތުން މިފަދަ މައްސަލަތައް ސީރިއަސްކޮށް ތަހުގީގުކޮށް، ތުހުމަތުތައް ސާބިތު ނުކުރެވިއްޖެނަމަ އެ ވާހަކަ ފެތުރި ބައެއްގެ މައްޗަށް އިސްލާމީ ޝަރީއަތުގައި އޮންނަ ހުކުމް ތަންފީޒުކޮށްދިނުމަށް އޭނާ ވަނީ އެދިވަޑައިގެންފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.