ރަށްގިރުމުގެ މައްސަލަ ހައްލުކުރުމަށް މިހާރު އާންމުކޮށް ބޭނުންކުރާ ބޮޑުހިލައިގެ ބަދަލުގައި، ތިމާވެއްޓާ ރައްޓެހި އަދި ޚަރަދުކުޑަ އާ ގޮތްތަކެއް ހޯދުމުގެ މަސައްކަތް ސަރުކާރުން ފަށައިފިއެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް، އެންވައިރަމެންޓް އެންޑް އެނާޖީ ޢަލީ ޝަރީފް ވިދާޅުވީ، ގޮނޑުދޮށް ހިމާޔަތްކުރުމަށް ބޮޑުހިލަ ޖެހުމަކީ އޭގެ ޒާތުގައި ވަރަށް ޚަރަދު ބޮޑު މަސައްކަތެއް ކަމަށެވެ. އެގޮތުން މީގެ ހަތް އަހަރު ކުރީގެ ތަފާސްހިސާބުތަކަށް ބަލާއިރުވެސް، ބޮޑުހިލައިގެ ލީނިއަރ މީޓަރެއް އިންސްޓޯލް ކުރުމަށް ގާތްގަނޑަކަށް 6،000 އާއި 7،000 ޑޮލަރާ ދެމެދުގެ އަދަދެއް ޚަރަދުވާކަން އޭނާ ފާހަގަކުރެއްވިއެވެ. އެހެންކަމުން، މިހާރު އަމާޒު ހިފާފައިވަނީ އިމާރާތްކުރުމުގެ ދާއިރާއިން އުފެދޭ ކުނި ބޭނުންކޮށްގެންނާއި، ޤުދުރަތީ ވަސީލަތްތަކަށް ބިނާކޮށްގެން (ނޭޗަރ ބޭސްޑް ސޮލިއުޝަންސް) ގޮނޑުދޮށް ހިމާޔަތްކުރެވޭނެ ގޮތްތަކެއް ހޯދުމަށެވެ. އަދި މިހާރުވެސް ބައެއް މަޝްރޫޢުތަކުގެ ޑިޒައިންގައި ނޭޗަރ ބޭސްޑް ސޮލިއުޝަންސް ހިމަނާފައިވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މި ބަދަލު ގެނައުމަށްޓަކައި، ބޮޑުހިލައިގެ ބަދަލުގައި އިމާރާތްކުރުމުގެ ދާއިރާއިން އުފެދޭ ކުނި (ކޮންސްޓްރަކްޝަން އެންޑް ޑެމޮލިޝަން ވޭސްޓް) ނުވަތަ އެހެނިހެން ތަކެތި ބޭނުންކޮށްގެން ރާއްޖޭގެ ތިމާވެއްޓާ ގުޅޭ، ޚަރަދުކުޑަ އަދި ދެމެހެއްޓެނިވި އީޖާދީ ހައްލެއް ހޯދުމަށް ރިސާޗް ގްރާންޓް ފަދަ މާލީ އެހީތެރިކަން ހަމަޖައްސަވައިދެއްވުމަށް ވަޒީރުންގެ މަޖިލީހުގެ ލަފަޔާއެކު ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ. މީގެ އިތުރުން، ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ގޮނޑުދޮށް ހިމާޔަތްކުރުމުގެ ވަސީލަތްތައް ފޯރުކޮށްދޭ ކުންފުނިތަކާ މަޝްވަރާކޮށްގެން، މިކަމަށް އަވަސް ހައްލެއް ހޯދުމުގެ މަސައްކަތްވެސް ސަރުކާރުން ދަނީ ކުރަމުންނެވެ.
ކޮމެންޓު ފޮނުވާ