ޤާނޫނުގެ އިމުގެ ތެރެއިން ސިޔާސީ ހަރަކާތްތައް ހިންގުމަށް އެމްޑީޕީ އާއި ޕީއެންއެފް އަށް އީސީން އަންގައިފި

ޤާނޫނުގެ އިމުގެ ތެރެއިން ސިޔާސީ ހަރަކާތްތައް ހިންގުމަށް އެމްޑީޕީ އާއި ޕީއެންއެފް އަށް އީސީން އަންގައިފި

Author
އަހުމަދު
29 އޭޕްރިލް 2026 02:31
0

ސިޔާސީ ޕާޓީތަކުން ބާއްވާ އެއްވުންތަކާއި ހަރަކާތްތައް ޤާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށް ކުރިއަށް ގެންދިއުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަދި ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) އަށް އަންގައިފިއެވެ.

އީސީން 28 އޭޕްރިލް 2026 ގައި މި ދެ ޕާޓީއަށް ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ، މާލޭގައި މިހާރު ސިލްސިލާކޮށް ކުރިއަށްގެންދާ ހަރަކާތްތަކުގައި އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފު ވާހަކަތައް ދައްކައި، މުޖުތަމައުގައި ނަފުރަތާއި ހަމަނުޖެހުން އުފެދޭ ފަދަ އަމަލުތައް ހިންގަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެހެންކަމުން، ސިޔާސީ ހަރަކާތްތައް ހިންގުމުގައި "ޞުލްޙަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ޤާނޫނު" ގައި ބަޔާންކޮށްފައިވާ އުސޫލުތަކަށް ފުރިހަމައަށް ތަބާވުމަށް ކޮމިޝަނުން ވަނީ އަންގާފައެވެ.

މީގެ އިތުރުން، ސިޔާސީ ސުލޫކީ މިންގަނޑާ ހިލާފަށް މީހުންގެ އަމިއްލަ ދިރިއުޅުމަށް ފާޑުނުކިޔުމަށާއި، ހަގީގަތާ ހިލާފު ދޮގު ވާހަކަތައް ފަތުރައި މުޖުތަމައުގައި ރުޅިވެރިކަން އުފެއްދުމަށް މަސައްކަތް ނުކުރުމަށްވެސް ކޮމިޝަނުން ވަނީ ނަސޭހަތްތެރިވެފައެވެ. އަދި ޤާނޫނުން ހުއްދަ ނުކުރާ މަގުތަކާއި ސަރަހައްދުތަކުގައި އެއްވުންތައް ނުބޭއްވުމަށް އިލްތިމާސްކުރަމުން އީސީން ބުނީ، ޤާނޫނީ ހުދޫދުގެ ތެރެއިން ހިންގާ ކޮންމެ ސިޔާސީ ހަރަކާތަކަށް އެ ކޮމިޝަނުން އަބަދުވެސް މަރުހަބާ ކިޔާނެ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.