ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޕީއެންއެފުން ސިލްސިލާކޮށް ކުރިއަށްގެންދާ މަގުމަތީގެ ހަރަކާތްތަކުން އާންމުންގެ ތެރޭގައި ނަފްރަތާއި ހަމަނުޖެހުމަށް ހިތްވަރު ލިބޭތީ، އެފަދަ އަމަލުތައް ހުއްޓާލުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން އެ މަނިކުފާނަށް އަންގައިފިއެވެ.
އީސީން ރައީސް ޔާމީނަށް ފޮނުވި ސިޓީއެއްގައި ބަޔާންކޮށްފައިވަނީ، ޕީއެންއެފްގެ މުޒާހަރާތަކުގައި އާންމު އިޖުތިމާއީ މިންގަނޑުތަކާއި ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ ސުލޫކީ މިންގަނޑާ ހިލާފަށް އަމަލުކުރަމުންދާ ކަމަށެވެ. އެގޮތުން، ޕާޓީތަކުގެ ވެރިންނާއި މެންބަރުންގެ އަމިއްލަ ދިރިއުޅުމަށް ފާޑުކިޔުމާއި، މުޖުތަމައުގައި ރުޅިވެރިކަން އުފެދޭ ފަދަ ސާބިތުނުހިފޭ ދޮގު ވާހަކަތައް ނުދެއްކުމަށް ވަނީ އިލްތިމާސްކޮށްފައެވެ. އަދި ގާނޫނުން ހުއްދަކުރާ ދާއިރާއިން ބޭރުން، މަގުތަކާއި އާންމު މައިދާންތަކުގައި އެފަދަ ހަރަކާތްތައް ނުބޭއްވުމަށް ވެސް އީސީން ވަނީ އަންގާފައެވެ. އެހެންނަމަވެސް ގާނޫނީ އިމުގެ ތެރެއިން ހިންގާ ސިޔާސީ ހަރަކާތްތަކަށް އެ ކޮމިޝަނުން މަރުހަބާ ކިޔާނެކަން ވަނީ ފާހަގަކޮށްފައެވެ.
ޕީއެންއެފުން ކޮންމެ ރެއަކުހެން މި ހަރަކާތްތައް ބާއްވަމުން ދަނީ، 'އަދަދު' ނޫހުން ދާދިފަހުން ނެރުނު ޑޮކިއުމަންޓަރީއެއްގައި ރައީސް މުހައްމަދު މުއިއްޒަށް ކުރި ތުހުމަތުތަކަކާ ގުޅިގެންނެވެ. މި އެއްވުންތަކުގައި މަގުމައްޗަށް ސޯފާ ނެރެގެން މަންޒަރުތައް ލައިވްކުރަމުން ދާއިރު، މީޑިއާ ކޮމިޝަނުން މިހާރު ވަނީ އެ މަންޒަރުތައް ލައިވްކުރުން ހުއްޓާލުމަށް 'ޗެނަލް 13′ އަށް އަންގާފައެވެ. މީޑިއާ ކޮމިޝަނުން ބުނެފައިވަނީ އެ ޗެނަލުން ބްރޯޑްކާސްޓްކުރަމުން ދަނީ ނޫސްވެރިންނާއި މީޑިއާތަކުގެ ސުލޫކީ މިންގަނޑާ ހިލާފު މަންޒަރުތަކެއް ކަމަށެވެ.
ކޮމެންޓު ފޮނުވާ