ނަޝީދުގެ ކެމްޕެއިންގައި އިބުރޭ އުޅުއްވާތީ ފިޔަވަޅު އަޅައިދޭން މީކާއީލް އެދިވަޑައިގެންފި

ނަޝީދުގެ ކެމްޕެއިންގައި އިބުރޭ އުޅުއްވާތީ ފިޔަވަޅު އަޅައިދޭން މީކާއީލް އެދިވަޑައިގެންފި

Author
އަހުމަދު
26 އޭޕްރިލް 2026 06:25
0

އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކެމްޕެއިންގައި އެ ޕާޓީގެ ޗެއާޕާސަންގެ ނައިބު އިބްރާހީމް ވަހީދު (އިބުރޭ) އަމަލީގޮތުން ހަރަކާތްތެރިވެވަޑައިގަންނަވާތީ، އޭނާއާ މެދު ފިޔަވަޅު އަޅައިދިނުމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް އެދިވަޑައިގެންފިއެވެ.

މި އިންތިޚާބުގައި ނަޝީދާ ވާދަކުރައްވާ ކެންޑިޑޭޓް މީކާއީލް، ޕާޓީގެ މިހާރުގެ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ (ގަޕޯ) އަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ، ނަޝީދުގެ ކެމްޕެއިންގައި އިބުރޭ ބައިވެރިވެވަޑައިގަންނަވާކަން ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކާއި ވީޑިއޯތަކުން ވަރަށް ސާފުކޮށް ފެންނަން ހުރި ކަމަށެވެ. އެހެންކަމުން ކެމްޕެއިން ނިމެންދެން ޕާޓީގެ މަސްއޫލިއްޔަތުތަކުން އިބުރޭ އެކަހެރިވުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ. އަދި ޕާޓީގެ އުސޫލުތަކާއި އިޖުރާއަތްތަކުގެ ތެރެއިން މި މައްސަލަ އަވަހަށް ބައްލަވައިދެއްވުމަށް ވެސް މީކާއީލް އެދިވަޑައިގެންފައިވެއެވެ.

މީކާއީލް ފާހަގަކުރެއްވި ގޮތުގައި، ޗެއާޕާސަންގެ ނައިބު (އިދާރީ) އަކީ ޕާޓީގެ މެންބަރުން އިތުރުކުރުމާއި ކެމްޕެއިންތައް ހިންގުމާ ހަވާލުވެ ހުންނަވާ އިސްވެރިޔާއަށް ވާއިރު، އެތެރޭގެ އިންތިޚާބެއްގައި ވަކި ކެންޑިޑޭޓަކަށް ތާއީދުކޮށް މަސައްކަތް ކުރެއްވުމަކީ އިންތިޚާބުގެ ނަޒާހަތްތެރިކަން ގެއްލި، ވަކި ބަޔަކަށް ނާޖާއިޒު ފައިދާތަކެއް ލިބިގެންދާނެ ކަމެކެވެ. އޭނާ ޗެއާޕާސަން ކަމަށް ކުރިމަތިލެއްވި މައިގަނޑު އެއް ސަބަބަކީ ވެސް ޕާޓީ ތެރޭގައި ހިނގާ މިފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުން ކަމަށް މީކާއީލް ވިދާޅުވިއެވެ.

ޕާޓީގެ އެތެރޭގެ މަސްރަހު ފަހަކަށް އައިސް ހޫނުވެފައިވާއިރު، ޗެއާޕާސަން ގަޕޯއަށް އެއްބާރުލުން ނުދެއްވާ ކަމަށް ބުނެ މި މަހުގެ ކުރީކޮޅު އިބުރޭ މަގާމުން ވަކިކުރުމަށްފަހު، ޕާޓީގެ މަސްލަހަތަށްޓަކައި ދާދި ފަހުން ވަނީ އަލުން އޭނާއަށް މަގާމު އިޔާދަކޮށްދީފައެވެ. އިބުރޭގެ އިތުރުން ލީގަލް ޑިރެކްޓަރު އަހުމަދު މައުރޫފް މަގާމުން ވަކިކުރުމާ ގުޅިގެން ނަޝީދާއި ފައްޔާޒް އިސްމާއިލްގެ ފެކްޝަނުން ގަޕޯގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ވެސް ވެއްދިއެވެ. ނަމަވެސް އެ މައްސަލަ އަނބުރާ ގެންދިޔައީ ނަޝީދަށް ގައުމީ މަޖިލީހުން ޖާގައެއް ދީ، ޕާޓީ ހިންގުމަށް ޚާއްސަ ފަސް މެންބަރުންގެ ކޮމިޓީއެއް އެކުލަވާލުމަށް އެއްބަސްވުމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.