ރާއްޖޭގެ ދަރަނި އަދާކުރުމަށް އިތުރު ވަގުތު ބޭނުންވާކަމަށާއި، ލޯނުތައް އެހާ އަވަހަށް ދައްކައި ހަލާސްކުރެވެން ނެތްކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ބައިނަލްއަޤްވާމީ މާލީ އިދާރާތަކަށް ގޮވާލައްވައިފިއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ އެމްޑީޕީގެ ޗެއާޕާސަން ހޮވުމުގެ ކެމްޕެއިނަށް އައްޑޫ ސިޓީއަށް ވަޑައިގެން ބޭއްވި ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ނަޝީދު ފާހަގަކުރެއްވި ގޮތުގައި ރާއްޖޭގެ ދަރަނި މިހާރު ހުރީ 120 އިންސައްތައިގައެވެ. އަދި ދައުލަތަށް ލިބޭ އާމްދަނީގެ ބޮޑު ބައެއް މިހާރުވެސް ހޭދަކުރަންޖެހިފައިވަނީ ދަރަނި އަދާކުރުމަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ލޯނު ދޭ ފަރާތްތަކުން ފައިސާ ދޫކުރާއިރު ރާއްޖޭގެ މާލީ ހާލަތާއި ފައިސާ ލިބޭ މިންވަރު ވަޒަންކުރަންޖެހޭނެކަން ފާހަގަކުރައްވަމުން، ނަޝީދު ވަނީ ލޯނުތައް އަދާކުރުމަށް "ގްރޭސް ޕީރިއަޑް" އެއް ނުވަތަ އިތުރު މުއްދަތެއް ބޭނުންވާކަމަށް ވިދާޅުވެފައެވެ. މީގެ އިތުރުން ލޯނުގެ އިންޓަރެސްޓް ރޭޓް ކުޑަކޮށްދިނުމަށާއި، ދައްކަންޖެހޭ މިންވަރުން ވަކި ބައެއް ކަނޑައިދިނުމަށްވެސް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ. ބޮޑެތި އަދަދުތަކުން ލޯނު އަނބުރާ ދައްކަން ބުނާއިރު، އެ ފައިސާ ދޫކުރި ފަރާތްތަކަށްވެސް ރާއްޖޭގެ ނިޒާމު ހިނގާ ގޮތް ސާފުވާންޖެހޭނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.
މުއްސަނދި ގައުމުތަކުގެ ޕެންޝަން ފަންޑުތައް ހިންގަނީ ދަރަނިވެރިވެފައިވާ ގައުމުތަކުގެ ބޮންޑުތަކުން ލިބޭ ބޮޑު އިންޓަރެސްޓުންކަން ފާހަގަކުރައްވަމުން ނަޝީދު ވިދާޅުވީ، ދަރަނީގެ މައްސަލަތަކާ ގުޅޭގޮތުން ބައިނަލްއަޤްވާމީ ފެންވަރުގައި ވާހަކަދައްކައި އެކަން ހައްލުކުރުމުގެ އެންމެ ގާބިލުކަން ހުރީ އެމްޑީޕީގައި ކަމަށެވެ. އަދި މި ދަތިކަމަށް ހައްލެއް ގެނެސްދޭނީވެސް އެ ޕާޓީންކަމަށް އެމަނިކުފާނު ޔަގީންކަން ދެއްވިއެވެ.
ކޮމެންޓު ފޮނުވާ