އެމްޑީޕީން ކުރިއަށްގެންދިޔަ މުޒާހަރާއެއްގެ ތެރެއިން މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމަށް ދިން ހަމަލާއަކީ ސަރުކާރުން ރާވައިގެން ހިންގި އަމަލެއްކަމަށް އޭނާ ކުރެއްވި ތުހުމަތުތައް ސަރުކާރުން ދޮގުކޮށްފިއެވެ.
ޗީފް ގަވަރންމަންޓް ސްޕޯކްސްޕަރސަން މުޙައްމަދު ޙުސައިން ޝަރީފް (މުންދު) ވިދާޅުވީ، އެއްވެސް ހެއްކަކާ ނުލައި މޭޔަރު އާޒިމް ކުރެއްވި ތުހުމަތާމެދު ހައިރާންވެވަޑައިގަންނަވާ ކަމަށެވެ. އަދި މޭޔަރަށް ހަމަލާދޭން އުޅޭ މަންޒަރު ފެންނަ ވީޑިއޯ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ފެނިވަޑައިގެންފައިވާ ކަމަށާއި، އެ އަމަލު އެމަނިކުފާނު އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާ ކަމަށްވެސް މުންދު ފާހަގަކުރެއްވިއެވެ.
މިފަދަ ކަމެއް ސަރުކާރުން ނުކުރާނެކަމުގެ ޔަގީންކަން ދެއްވަމުން މުންދު ވަނީ، ހާދިސާ ހިނގުމަށްފަހު އެމްޑީޕީން ވިޔަސް އަދި ސިޓީ ކައުންސިލުން ވިޔަސް ފުލުހުންނަށް މައްސަލަ ހުށަހަޅާފައި ނުވާތީ އެކަމާ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެހެންނަމަވެސް، މީސްމީޑިއާގައި ދައުރުވަމުންދާ ވީޑިއޯ ފެނިގެން، ފުލުހުން އަމިއްލައަށް އިސްނަގައިގެން މިހާރު އެ މައްސަލަ ތަހުގީގުކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން މުންދު ވިދާޅުވީ، ދައުލަތުގެ އިސް މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނަށް އޮންނަ ނުރައްކާ ދެނެގަތުމަށް ފުލުހުން އަބަދުވެސް އެސެސްމަންޓްތައް ހަދަމުންދާނެ ކަމަށާއި، އެދިވަޑައިގެންފިނަމަ މޭޔަރަށްވެސް ސެކިއުރިޓީ ހަމަޖެހޭނެ ކަމަށެވެ. އަދި ސިޔާސީ ލީޑަރުންގެ މަސައްކަތަށް ހުރަސްއެޅުމުގެ ގޮތުން ހަމަލާދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ރައީސް ވިދާޅުވިކަން ފާހަގަކުރައްވައި، ރައްޔިތުންނަށް ބިރުވެރިކަމެއް ނެތް އަމާން މާހައުލެއް ގާއިމުކޮށްދިނުމަށް ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނެކަމުގެ ޔަގީންކަން ވަނީ ދެއްވާފައެވެ.
ކޮމެންޓު ފޮނުވާ