އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބުގެ އިއުލާނާއި ޓައިމްލައިން ބާތިލުކުރަން އަންގައިފި

އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބުގެ އިއުލާނާއި ޓައިމްލައިން ބާތިލުކުރަން އަންގައިފި

Author
ޙަސަން މުޙައްމަދު
23 އޭޕްރިލް 2026 08:29
0

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޗެއާޕާސަން ހޮވުމަށް ބާއްވާ އިންތިޚާބުގެ އިއުލާނާއި ޓައިމްލައިން ބާތިލުކުރުމަށް، އެ ޕާޓީގެ އިސްތިއުނާފް ފަނޑިޔާރުންގެ މަޖިލީހުގެ ރައީސް އަހްމަދު އަބްދުﷲ އަފީފް އަންގަވައިފިއެވެ.

އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާއަށް އަފީފް ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ، ޖޫން 12 ވަނަ ދުވަހު އިންތިޚާބު ބާއްވަން ނިންމައި ޕާޓީން ކޮށްފައިވާ އިއުލާނާއި އެކުލަވާލި ޓައިމްލައިނަކީ އަސާސީ ގަވާއިދާ ޚިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށެވެ. ޕާޓީގެ އަސާސީ ގަވާއިދު ބުނާގޮތުން ޗެއާޕާސަން އިންތިޚާބުގެ ކަންކަން ރާވައި ހިންގުމުގެ ބާރު އޮންނަނީ އިސްތިއުނާފް ފަނޑިޔާރުންގެ މަޖިލީހުގެ ރައީސަށެވެ. ނަމަވެސް އެމަނިކުފާނަށް އެއްވެސް އެންގުމަކާ ނުލައި އިންތިޚާބާބެހޭ ކޮމިޓީން ޓައިމްލައިނެއް އާންމުކޮށްފައިވަނީ ދީފައިވާ އިރުޝާދުތަކާ ޚިލާފަށް ކަމަށް އެ ސިޓީގައިވެއެވެ. އިންތިޚާބާބެހޭ ކޮމިޓީން އެކުލަވާލި ޓައިމްލައިނަކީ ހަމައެކަނި ލަފައެއް ކަމަށާއި، އެކަމުގައި ފަހު ގޮތެއް ނިންމަންޖެހޭނީ ޕާޓީގެ ލީޑަރޝިޕާ މަޝްވަރާކުރުމަށްފަހު ކަމަށްވެސް އަފީފް ވަނީ ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން، އިންތިޚާބު މިވަގުތު ކުރިއަށް ނުގެންދެވޭނެ އަނެއް ސަބަބެއްގެ ގޮތުގައި އަފީފް ފާހަގަކުރައްވާފައިވަނީ، އެމްޑީޕީގެ ގިނަ އަދަދެއްގެ މެމްބަރުންނަށް ނޭނގި ސިއްރުން ޕީއެންސީގެ ދަފްތަރަށް ބަދަލުކޮށްފައިވުމެވެ. އެހެންކަމުން އެ މެމްބަރުންނަށް އަލުން އެމްޑީޕީއާ ގުޅުމުގެ ފުރުސަތު ނުދީ އިންތިޚާބު ބޭއްވުމަކީ މެމްބަރުންނާއި ކެންޑިޑޭޓުންގެ އިންތިޚާބީ ހައްގަށް އުނިކަން ލިބޭނެ ކަމެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މަޖިލިސް އިންތިޚާބުގައި ވާދަކުރާ މީހެއްގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތައް ފުރިހަމަވާ ފަރާތްތަކަށް، މެއި 2 ވަނަ ދުވަހުގެ ނިޔަލަށް ކުރިމަތިލުމަށް ހުޅުވާލި މި އިންތިޚާބުގައި ވާދަކުރުމުގެ ޝައުގުވެރިކަން މިހާތަނަށް ފާޅުކުރައްވާފައިވަނީ ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަޙްމަދު ނަސީމެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.