ޖާބިރު ވެރިކަންކުރާ ޕީއެންސީއަށް ސޮއިކުރައްވައިފި

ޖާބިރު ވެރިކަންކުރާ ޕީއެންސީއަށް ސޮއިކުރައްވައިފި

Author
އަހުމަދު
23 އޭޕްރިލް 2026 08:28
0

ކާށިދޫ ދާއިރާގެ ކުރީގެ މެންބަރު އަދި ފާހަގަކޮށްލެވޭ ވިޔަފާރިވެރިޔާ ޢަބްދުالله ޖާބިރު، ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް މިއަދު ސޮއިކުރައްވައިފިއެވެ.

ޕީއެންސީއާ ރަސްމީކޮށް ގުޅިވަޑައިގަތުމުގެ ކުރިންވެސް، ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި ޖާބިރު ވަނީ އެ ޕާޓީގެ ކެމްޕެއިން ހަރަކާތްތަކުގައި އަމަލީގޮތުން ބައިވެރިވެވަޑައިގެންފައެވެ. އޭނާ ވިދާޅުވި ގޮތުގައި ޕީއެންސީއަށް ސޮއިކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގައުމުގެ ހާލަތު ރަނގަޅުކުރެއްވުމަށް ކުރައްވަމުން ގެންދަވާ ޒިންމާދާރު މަސައްކަތްޕުޅުތައް ބަލައިގަނެ، އެއީ މުސްތަގުބަލު އޮތް ޕާޓީއެއްކަމަށް ގަބޫލުކުރެއްވޭތީއެވެ. އަދި ޕާޓީގެ އެތެރޭގެ އެއްބައިވަންތަކަމާއި ހަމަޖެހުމަކީވެސް އޭނާ އެ ނިންމެވުން ނިންމެވި މުހިންމު ސަބަބެއްކަމަށް ފާހަގަކުރެއްވިއެވެ.

ސަރުކާރަށް ތާއީދުކުރައްވައި ޖާބިރު ވަނީ އޭނާގެ ސަޕޯޓަރުންވެސް ޕީއެންސީއާ ގުޅުމަށް ގޮވާލައްވާފައެވެ. އަދި އައްޑޫ ހިތަދޫ އުތުރު ދާއިރާގެ ހުސްވެފައިވާ ގޮނޑި ޕީއެންސީއަށް ކާމިޔާބުކޮށްދިނުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަގީންކަން ދެއްވިއެވެ. މީގެ އިތުރުން، ޕާޓީ ބަދަލުކުރެއްވީ ދައުލަތަށް ދައްކަންޖެހޭ ޓެކްސްތަކާއި ޖޫރިމަނާތަކެއް މައާފުކޮށްދިނުމުން ކަމަށް ދެކެވޭ ވާހަކަތައް އޭނާ ވަނީ ދޮގުކުރައްވާފައެވެ. ޖާބިރު ވިދާޅުވީ އޭނާ ދައްކަންޖެހޭ އެއްވެސް ފައިސާއެއް ނޯންނާނެ ކަމަށާއި، އޭގެ ބަދަލުގައި ޝަރީއަތް މެދުވެރިކޮށް ދައުލަތުން އޭނާއަށް ބަދަލު ދޭންޖެހޭކަމަށެވެ.

ދެހާސް ހަތަރުވަނަ އަހަރުން ފެށިގެން ރައްޔިތުންގެ މަޖިލީހުގައި ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތްކުރައްވާފައިވާ ޖާބިރަކީ ރާއްޖޭގެ ސިޔާސީ މަސްރަހުގައި ފާހަގަކޮށްލެވޭ ބޭފުޅެކެވެ. އޭނާ ވަނީ ޑީއާރުޕީ އުފެއްދުމުގައި އިސްދައުރެއް އަދާކުރައްވައި، ފަހުން އެ ޕާޓީގެ ލީޑަރުކަންވެސް ކުރައްވާފައެވެ. އަދި ޖުމްހޫރީ ޕާޓީގެ ނައިބު ރައީސްކަމާއި އެމްޑީޕީގެ ރައީސްގެ އެޑްވައިޒަރުކަންވެސް ކުރައްވާފައިވެއެވެ. ޕީއެންސީއާ ގުޅިވަޑައިގަތުމުގެ ކުރިން ޖާބިރު އެންމެ ފަހުން ހުންނެވީ އެމްޑީޕީގައެވެ. ނިމިދިޔަ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީގެ ޕްރައިމަރީ އޭނާ ކާމިޔާބުކުރެއްވި ނަމަވެސް، އަޚުލާގީ މައްސަލަތަކަކާ ގުޅިގެން އެ ޕާޓީން ވަނީ އޭނާގެ އަތުން ޓިކެޓު އަތުލައި ޕާޓީން ވަކިކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.