ރާއްޖެއަށް އެތެރެކުރަން އުޅުނު 86 ކިލޯގެ މަސްތުވާތަކެއްޗާއި 2003 ވޭޕް ސްޓިކް، ކަސްޓަމްސްއާއި ފުލުހުންގެ މަސައްކަތުން މި އަހަރުގެ މިހާތަނަށް އަތުލައިގެންފިއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހްސާން ވިދާޅުވީ، މާޗް މަހުގެ ހަތަރަކުން ފެށިގެން އެކަނިވެސް 38 ކިލޯގެ މަސްތުވާތަކެތި ހިފަހައްޓާފައިވާ ކަމަށެވެ. އަދި މި މައްސަލަތަކާ ގުޅިގެން ކަސްޓަމްސްއިން 14 މީހަކު ހައްޔަރުކޮށްފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ. ވަޒީރު ވިދާޅުވި ގޮތުގައި މި ތަކެތި އަތުލައިގެންފައިވަނީ ޕޯސްޓް ޕާރުސަލްތަކާއި އެއާޕޯޓުން ކުރި ސްކޭންތަކުގެ އިތުރުން ރިސްކަށް ބިނާކޮށް ހިންގި އޮޕަރޭޝަންތަކުގެ ތެރެއިންނެވެ. މިއީ ކަސްޓަމްސްގެ އޮފިސަރުންގެ ވަރަށް ބުރަ މަސައްކަތެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.
މަސްތުވާތަކެތީގެ މައްސަލަތަކުގައި ސަރުކާރުގެ މައިގަނޑު އަމާޒަކީ ހަމައެކަނި ގިނަ ބަޔަކު ހައްޔަރުކުރުން ނޫންކަމަށާއި، އޭގެ ބަދަލުގައި މި ނެޓްވޯކްތަކުގެ އެންމެ އިސްކޮށް ހަރަކާތްތެރިވާ ފަރާތްތައް ހޯދައި ގާނޫނީ ފިޔަވަޅު އެޅުންކަމަށް އިހުސާން ވިދާޅުވިއެވެ. އާންމުގޮތެއްގައި މަސްތުވާތަކެއްޗާއެކު އަތުލައިގަނެވޭ މީހުންނަކީ ނެޓްވޯކްގެ އެންމެ އިސް މީހުން ނޫންކަމަށްވުމާއެކު، މުޅި ނިޒާމު ސާފުކުރުމަށް ހާއްސަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. އަދި ކުށްކުރާ ފަރާތްތައް އިސްލާހުވުމުގެ ފުރުސަތުތައް ތަނަވަސްކޮށްދިނުމަށްވެސް މަސައްކަތްކުރައްވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ