އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބު ޖޫން 12 އަށް ތާވަލުކޮށް، ކުރިމަތިލުމަށް ހުޅުވާލައިފި

އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބު ޖޫން 12 އަށް ތާވަލުކޮށް، ކުރިމަތިލުމަށް ހުޅުވާލައިފި

Author
ޙަސަން މުޙައްމަދު
22 އޭޕްރިލް 2026 04:22
0

 

އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބާއްވާ އެތެރޭގެ އިންތިޚާބު އަންނަ ޖޫން މަހުގެ 12 ވަނަ ދުވަހު ބޭއްވުމަށް ނިންމައި، އެ މަގާމަށް ވާދަކުރުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.

އެ ޕާޓީން ބުނެފައިވާ ގޮތުގައި، ޗެއާޕާސަން ކަމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ އަންނަ މޭ މަހުގެ 2 ވަނަ ދުވަހުގެ މެންދުރުފަހު 2:00 އެވެ. ޝައުގުވެރިވާ ފަރާތްތަކުން ގޫގުލް ފޯމެއް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހަޅަންޖެހޭއިރު، ޑިޕާޓްމަންޓް އޮފް ޖުޑިޝަރީއާއި ކަރެކްޝަނަލް ސާވިސްގެ ކުށާއި ދަރަނީގެ ރެކޯޑު ފޯމާއެކު ހުށަހަޅަން ޖެހޭނެއެވެ. މި އިންތިޚާބުގައި ވޯޓު ލުމުގެ ހައްގު ލިބިގެންވަނީ މިއަދުގެ ނިޔަލަށް އެ ޕާޓީގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ މެމްބަރުންނަށެވެ.

މި މަގާމަށް ވާދަކުރެވޭނީ ޕާޓީގެ މެމްބަރަކަށް ވުމުގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލާ މީހެއްގެ ކިބައިގައި ހުންނަންޖެހޭނެ ކަމަށް ގާނޫނުއަސާސީއާއި އިންތިޚާބާބެހޭ ގާނޫނުގައި ބަޔާންކުރާ ޝަރުތުތައް ފުރިހަމަވާ މީހުންނަށެވެ. މިހާތަނަށް މި މަގާމަށް ޝައުގުވެރިކަން ފާޅުކުރައްވައި ކެމްޕެއިން ފައްޓަވާފައިވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމްގެ އިތުރުން ކުރީގެ މެންބަރު އަލްހާން ފަހުމީއެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމު ހުސްވީ އެ މަގާމުގައި ކުރިން ހުންނެވި ފައްޔާޒް އިސްމާއިލް އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އެހެންކަމުން މިވަގުތު އެ މަގާމުގެ މަސްއޫލިއްޔަތުތައް ވަގުތީގޮތުން އަދާކުރައްވަމުން ގެންދަވަނީ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ޣަފޫރު މޫސާއެވެ. ޖޫން 12 ވަނަ ދުވަހު ބާއްވާ މި އިންތިޚާބުގެ ވޯޓުލުން ކުރިއަށްދާނީ އެ ދުވަހުގެ މެންދުރުފަހު 2:30 އިން ރޭގަނޑު 8:00 އަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.