ރައީސް ޑރ. މުޙައްމަދު މުއިއްޒު އެމްޑީޕީއާއެކު މަޝްވަރާގެ މޭޒުދޮށަށް ވަޑައިގަންނަވަންދެން، މިހާރު ކުރިއަށްގެންދާ ސިލްސިލާ އިހުތިޖާޖުތައް ހުއްޓާނުލައި ކުރިއަށް ގެންދަވާނެ ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ 'ދަނޑިކޮށި ޖަގަހަ' ކުރިމަތީގައި ރޭ ބޭއްވި އިހުތިޖާޖުގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ، މި މަހުގެ ހަތަރުވަނަ ދުވަހު ބޭއްވި ރެފަރެންޑަމްގެ ނަތީޖާއިން ސަރުކާރާއި ރައީސް މުއިއްޒަށް ރައްޔިތުންގެ އިތުބާރު ގެއްލިފައިވާކަން ވަރަށް ސާފުކޮށް ހާމަވެއްޖެ ކަމަށެވެ. ގައުމުގެ އާންމު ހާލަތު އޮތީ ބިރުގަންނަ ފަދަ ނާޒުކު ފައްތަރެއްގައި ކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ، ތަކެތީގެ އަގު އުފުލުމާއި، ޑޮލަރުގެ ތަދުމިނުގެ އިތުރުން ވަޒީފާގެ ދަތިކަން އިންތިހާއަށް ބޮޑުވެފައިވާ ކަމަށެވެ. އަދި މިކަންކަމުން އަރައިގަތުމަކީ ހަމައެކަނި ސަރުކާރުގެ ޒިންމާއެއް ނޫން ކަމަށާއި، އެއީ މުޅި މުޖުތަމައު ގުޅިގެން ކުރަންޖެހިފައިވާ ކަމެއް ކަމަށް ވެސް ވިދާޅުވިއެވެ.
މީގެ އިތުރުން، ރާއްޖޭގެ ވެރިކަމުގެ ނިޒާމާއި ގާނޫނުއަސާސީއަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހިފައިވާކަމަށް ނަޝީދު ވަނީ ތަކުރާރުކޮށް ގޮވާލައްވާފައެވެ. މިހާރު އަމަލުކުރަމުންދާ ގާނޫނުއަސާސީން ރައީސުލްޖުމްހޫރިއްޔާއަށް އިންތިހާއަށް ބާރުތައް ދީފައިވާ ކަމަށާއި، ކޮރަޕްޝަނާއި އިސްރާފަށް މަގުފަހިވަނީ އެހެންވެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެހެންކަމުން ދައުލަތުގެ އެންމެ މަތީ ވެރިޔާއާއި ސަރުކާރުގެ ވެރިޔާ ވަކިކުރުން ފަދަ މުހިންމު އިސްލާހުތައް ހިމެނޭ "ބޮޑު ބަދަލު" ގެނައުމަށް މަޝްވަރާކުރުމަށް ސަރުކާރަށް ގޮވާލެއްވިއެވެ. އަދި ރައީސް މުއިއްޒު މަޝްވަރާއަށް އިޖާބަ ނުދެއްވާހާ ހިނދަކު، ރާއްޖޭގެ އެކި ރަށްރަށަށް ދަތުރުކޮށްގެން ނަމަވެސް މި މަސައްކަތް މެދުކެނޑުމެއްނެތި ކުރިއަށް ގެންދަވާނެ ކަމުގެ އިންޒާރު ނަޝީދު ވަނީ ދެއްވާފައެވެ.
ކޮމެންޓު ފޮނުވާ