ސްރީ ލަންކާގެ މަސްވެރި އުޅަނދުތައް ރާއްޖޭގެ ޚާއްޞަ އިޤުތިޞާދީ ސަރަޙައްދު (އީއީޒެޑް) ހުރަސްކޮށް ދަތުރުކުރުމުގައި ޢަމަލުކުރަންޖެހޭ އައު އުސޫލުތަކެއް އެ ޤައުމުގެ ޑިޕާޓްމަންޓް އޮފް ފިޝަރީޒް އެންޑް އެކުއެޓިކް ރިސޯސަސްއިން ކަނޑައަޅައިފިއެވެ.
އެ އިދާރާގެ ޑިރެކްޓަރ ޖެނެރަލް ސުސާންތާ ކަހަވައްޓާ ހާމަކުރެއްވި ގޮތުގައި، ޢަރަބި ކަނޑަށް މަސްވެރިކަމަށް ނުކުންނަ އަދި އެނބުރި އަންނަ ބޯޓުތަކުން ރާއްޖޭގެ ސަރަޙައްދަށް ވަނުމުގެ މަދުވެގެން 96 ގަޑިއިރު ކުރިން ކަނޑައެޅިފައިވާ އީމެއިލްތަކަށް ހުއްދައަށް އެދި ހުށަހަޅަން ޖެހޭނެއެވެ. މިގޮތަށް ހުއްދައަށް އެދޭއިރު، އުޅަނދުގެ ރަޖިސްޓަރީ ސެޓިފިކެޓާއި، ފުރުމުގެ ހުއްދަ، ފަޅުވެރިންގެ މަޢުލޫމާތު، ބޯޓުގެ ފޮޓޯއެއްގެ އިތުރުން ސަރަޙައްދަށް ވަންނަ އަދި ނުކުންނަ ނުކުތާތައް އެނގޭނެ ޗާޓެއް ހުށަހެޅުން ވަނީ ލާޒިމުކޮށްފައެވެ.
ހުއްދަނެތި ރާއްޖޭގެ ކަނޑުގެ ސަރަޙައްދަށް ވަންނަ އުޅަނދުތައް ހިފެހެއްޓުމުގެ ފުރިހަމަ ބާރު ރާއްޖޭގެ ސަލާމަތީ ބާރުތަކަށް ލިބިގެންވާއިރު، އެފަދަ އުޅަނދުތައް ދޫކުރަނީ ބޮޑެތި ޢަދަދުތަކުން ޖޫރިމަނާ ކުރުމަށްފަހުގައެވެ. ކަހަވައްޓާ ވިދާޅުވީ، ޤާނޫނާ ޚިލާފުވެގެން ދިމާވާ މިފަދަ މައްސަލަތަކުގައި ބޯޓުތަކުގެ ދިފާޢުގައި ވާހަކަދެއްކުމުގެ ޤާބިލުކަން އެ އިދާރާއަށް ނޯންނާނެ ކަމަށެވެ. ޢަރަބި ކަނޑަށް ދަތުރުކުރާ ލަންކާގެ ގިނަ ބޯޓުތަކެއް ރާއްޖޭގެ އީއީޒެޑް ހުރަސްކުރާއިރު، ޤަވާޢިދާ ޚިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ޙަރަކާތްތެރިވާ ބޭރުގެ އުޅަނދުތައް ދިވެހި ސިފައިންނާއި ފުލުހުން އަންނަނީ މެދުކެނޑުމެއްނެތި ހޯދައި ފިޔަވަޅު އަޅަމުންނެވެ.
ކޮމެންޓު ފޮނުވާ