ފުލުހުންގެ ވަޒީފާއިން މީގެ 12 އަހަރު ކުރިން ވަކިކުރި އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ޝިޔާމަށް ވަޒީފާ އަނބުރާ ދިނުމާއެކު، އެ މުއްދަތުގެ މުސާރައާއި އިނާޔަތްތައް ދޭން ހައިކޯޓުން ކުރި ހުކުމުގެ ބައި ދައުލަތުން އިސްތިއުނާފު ކުރަން ނިންމައިފިއެވެ.
މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކުރިކަމުގެ ތުހުމަތުގައި މެއި 2014 ގައި ޝިޔާމް ވަޒީފާއިން ވަކިކުރީ ރަނގަޅަށްކަމަށް ކުރިން ސިވިލް ކޯޓުން ނިންމިއެވެ. ނަމަވެސް، މިދިޔަ ބުރާސްފަތި ދުވަހު ހައިކޯޓުން ވަނީ ސިވިލް ކޯޓުގެ އެ ހުކުމް ބާތިލުކޮށް، ޝިޔާމަށް އަލުން ވަޒީފާ ދިނުމަށާއި ވަކިކުރި ދުވަހުން ފެށިގެން ލިބެންޖެހޭ މުސާރައާއި އިނާޔަތްތައް އެއްކޮށް ދިނުމަށް އަމުރުކޮށްފައެވެ.
ބަންޑާރަ ނައިބުގެ އޮފީހުން ބުނެފައިވަނީ، 12 އަހަރުގެ މުސާރަ ދޭން ހައިކޯޓުން އެންގި އެންގުމަކީ ސުޕްރީމް ކޯޓުގެ ނިންމުންތަކާ ޚިލާފު ކަމެއް ކަމަށެވެ. ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ ގޮތުން، ވަޒީފާ އަނބުރާ ދޭ ހާލަތެއްގައި އެންމެ ގިނަވެގެން ނަގައިދެވޭނީ ހަ މަސް ދުވަހުގެ މުސާރައާއި އިނާޔަތެވެ. އަދި ވަޒީފާ ނުދޭނަމަ ނަގައިދެވޭނީ އެއް އަހަރުގެ މުސާރައާއި އިނާޔަތެވެ. އެހެންކަމުން މުސާރައިގެ ބައި އިސްތިއުނާފުކުރަން ނިންމީކަމަށް އޭޖީ އޮފީހުން ހާމަކުރެއެވެ.
ހައިކޯޓުގެ ހުކުމުގައި ބަޔާންކޮށްފައިވަނީ ޝިޔާމް ވަޒީފާއިން ވަކިކުރީ އެކަށީގެންވާ ސަބަބެއް އޮވެގެންކަން ސާބިތުކޮށްދިނުމަކީ ދައުލަތުގެ ޒިންމާއެއް ކަމަށާއި، ނަމަވެސް އެކަން ސާބިތުވާނެ ހެކި ޑިސިޕްލިނަރީ ބޯޑަށް ލިބިފައިވާކަން ދައުލަތަށް ދެއްކިފައި ނުވާކަމަށެވެ. ޝިޔާމްގެ ވަޒީފާ އިޔާދަކުރުމާ މެދު ގޮތެއް ނިންމުމަށް މިހާރު ފުލުހުންނަށް ހުށަހަޅާފައިވާއިރު، އެކަމާ މެދު އަދި ފުލުހުން ގޮތެއް ނިންމާފައެއް ނުވެއެވެ.
ކޮމެންޓު ފޮނުވާ