ދިވެހިރާއްޖޭގެ ޖުޑިޝަރީގެ އިދާރީ އެންމެ އިސްވެރިޔާ، ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު (ސީޖޭއޭ) ގެ މަގާމުގައި ހުންނެވި އަމްޖަދު މުސްތަފާ މިއަދު އިސްތިއުފާ ދެއްވައިފިއެވެ.
އޭނާ މި މަގާމަށް އައްޔަންކުރެއްވީ، އޭގެ ކުރިން އެ މަގާމުގައި ހުންނެވި އައިޝަތު ރިޒުނާ އިސްތިއުފާ ދެއްވުމާ ގުޅިގެން 2025 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ. މަގާމާ ހަވާލުވެވަޑައިގަތްތާ އަހަރަކާއި ކުޑަ ދުވަސްކޮޅެއް ފަހުން އަމްޖަދު އިސްތިއުފާ ދެއްވި ވަކި ސަބަބެއް އަދި ހާމަކުރައްވާފައެއް ނުވެއެވެ. ސީޖޭއޭގެ މަގާމަށް ވަޑައިގަތުމުގެ ކުރިން އޭނާ ވަނީ އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސްކަމާއި ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ރައީސްކަންވެސް ކުރައްވާފައެވެ.
އަމްޖަދު އިސްތިއުފާ ދެއްވާފައި މިވަނީ، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ދަށުން ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ހިންގަމުންދާ ނިޒާމު ބަދަލުކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ހެނދުނު ވިދާޅުވެފައި ވަނިކޮށެވެ. ރައީސް ވިދާޅުވި ގޮތުގައި ކުރީ ސަރުކާރުން ގެނައި ބަދަލުތަކުގެ ސަބަބުން މެޖިސްޓްރޭޓް ކޯޓުތަކުގެ އިދާރީ އިސްވެރިންނަށް މާބޮޑަށް ބާރު ލިބި، ޖުޑީޝަރީގެ މަސައްކަތްތަކަށް ވަނީ ނޭދެވޭ އަސަރުތަކެއް ކޮށްފައެވެ. އެހެންކަމުން، ގާނޫނަށް ގެންނަ ބަދަލެއްގެ ތެރެއިން ޖުޑީޝަލް ކައުންސިލް އިއާދަކޮށް، ޑީޖޭއޭ އަދި ސީޖޭއޭ އަކީ އުއްތަމަފަނޑިޔާރާއި ޖުޑީޝަލް ކައުންސިލަށް ޖަވާބުދާރީވާންޖެހޭ ފަރާތްތަކެއްގެ ގޮތުގައި ހަމަޖެއްސުމަކީ ކޯޓުތަކުގެ ނިޒާމަށް ގެންނަންޖެހޭ މުހިންމު ބަދަލެއްކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ޖޭއެސްސީން ފަސް އަހަރުގެ ދުވަހުގެ މުއްދަތަކަށް އައްޔަންކުރާ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރަކީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ އިދާރީ ކަންކަން ރާވައި ހިންގުމުގެ އެންމެ އިސްވެރިޔާއެވެ. އެ މަގާމުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ކޯޓުތަކަށް ބޭނުންވާ މުވައްޒަފުންނާއި، ވަސީލަތްތަކާއި، ބަޖެޓުގެ ކަންކަން ބެލެހެއްޓުމުގެ އިތުރުން ޖޭއެސްސީގެ ނިންމުންތައް ތަންފީޒުކުރުން ހިމެނެއެވެ. އަދި މި މަގާމުގައި ހުންނަވާ ބޭފުޅަކީ އުއްތަމަފަނޑިޔާރާއި އެހެނިހެން ކޯޓުތަކުގެ އިސް ފަނޑިޔާރުންނަށް އިދާރީ ގޮތުން އެހީތެރިކަން ފޯރުކޮށްދޭންޖެހޭ ފަރާތެވެ.
ކޮމެންޓު ފޮނުވާ