ކްރިޕްޓޯކަރަންސީ މެދުވެރިކޮށް ކުޑަކުދިންގެ ބަރަހަނާ މަންޒަރުތަކުގެ ވިޔަފާރިކުރި މީހަކު ހައްޔަރުކޮށްފި

ކްރިޕްޓޯކަރަންސީ މެދުވެރިކޮށް ކުޑަކުދިންގެ ބަރަހަނާ މަންޒަރުތަކުގެ ވިޔަފާރިކުރި މީހަކު ހައްޔަރުކޮށްފި

Author
ޙަސަން މުޙައްމަދު
20 އޭޕްރިލް 2026 04:21
0

ކްރިޕްޓޯކަރަންސީ ބޭނުންކޮށްގެން ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މަންޒަރުތައް ހިމެނޭ ފޮޓޯއާއި ވީޑިއޯ ގަނެވިއްކި ކަމުގެ ތުހުމަތުގައި ދިވެހި ފިރިހެނަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

މި މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން މިދިޔަ އޭޕްރީލް މަހުގެ 5 ވަނަ ދުވަހު ހައްޔަރުކޮށްފައިވަނީ ތ. ވިލުފުށީ، މޫނިމާގެ، އުމުރުން 22 އަހަރުގެ އާދަމް ޢަދްލާން ލަޠީފެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އޭޕްރީލް 21 ގެ ނިޔަލަށް 15 ދުވަހުގެ މުއްދަތަކަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ފުލުހުން މައުލޫމާތު ދޭގޮތުގައި، އޭނާ ހައްޔަރުކުރީ ބައިނޭންސް އެކްސްޗޭންޖްގެ ވޮލެޓެއް މެދުވެރިކޮށް ކުޑަކުދިންގެ ބަރަހަނާ ތަކެތީގެ ވިޔަފާރިކުރާކަމުގެ މައުލޫމާތު ލިބިގެން ހިންގި ތަހުގީގަކުންނެވެ. އެގޮތުން އޭނާގެ ކްރިޕްޓޯ އެކައުންޓަށް ފައިސާ ޖަމާވެފައިވާކަން ތަހުގީގަށް ކަށަވަރުވެފައިވާއިރު، އޭނާގެ އަތުން ފެނުނު އިލެކްޓްރޯނިކް އާލާތްތައް ފޮރެންސިކް ތަހުލީލުކުރުމުން، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މަންޒަރުތައް ފެންނަ ގިނަ އަދަދެއްގެ ވީޑިއޯއާއި ފޮޓޯ ވަނީ ފެނިފައެވެ.

މި މައްސަލަ ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަނުން މިހާރު ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ. ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ މައްސަލަތަކަކީ ފުލުހުން ހާއްސަ އިސްކަމެއް ދީގެން ބަލަމުންދާ މައްސަލަތަކެއް ކަމަށާއި، މިފަދަ ކުށްތަކަށް އަރައިގަންނަ ފަރާތްތައް ހޯދައި ގާނޫނީ ފިޔަވަޅު އެޅުމުގެ މަސައްކަތް މެދުނުކެނޑި ކުރިއަށްދާނެކަމުގެ ޔަގީންކަން ފުލުހުން ވަނީ ދީފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.