ޤާނޫނުއަސާސީއަށް އިތުރު އިސްލާހެއް ގެނައުމުގެ ވިސްނުމެއް ނެތް: ރައީސް

ޤާނޫނުއަސާސީއަށް އިތުރު އިސްލާހެއް ގެނައުމުގެ ވިސްނުމެއް ނެތް: ރައީސް

Author
ޙަސަން މުޙައްމަދު
20 އޭޕްރިލް 2026 11:37
0

ދާދިފަހުން ނެގުނު ފެންނަ ނުފެންނަ ވޯޓުގެ ނަތީޖާއަށް ރިއާޔަތްކުރައްވައި، ޤާނޫނުއަސާސީއަށް އިތުރު އިސްލާހެއް ގެނައުމުގެ އެއްވެސް ވިސްނުންފުޅެއް ސަރުކާރުން މިހާރު ނުގެންގުޅުއްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، މި މަހުގެ ހަތަރުވަނަ ދުވަހު ބޭއްވި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓުން ވަރަށް ސާފު މެސެޖެއް ލިބިވަޑައިގެންފައިވާ ކަމަށެވެ. އެގޮތުން، ޤާނޫނުއަސާސީއަށް ބަދަލުތައް ގެނައުމަކީ ރައްޔިތުން އެހާ ބޮޑަށް ތާއީދުކުރާ ކަމެއް ނޫންކަން އެ ވޯޓުން ސާބިތުވެފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެހެންކަމުން، ރައްޔިތުންގެ އެ ނިންމުމަށް އިޙުތިރާމުކުރައްވައި، ކުރިއަށް އޮތް ތަނުގައި ޤާނޫނުއަސާސީ ބަދަލުކޮށްގެން ގެންނަންޖެހޭ ފަދަ އިސްލާހެއް ގެނައުމަށް ނުވިސްނަވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ޤާނޫނުއަސާސީއަށް އިތުރު ބަދަލެއް ނުގެންނެވި ނަމަވެސް، އާންމު ޤާނޫނުތަކަށް ގެންނަންޖެހޭ މުހިންމު އިސްލާހުތައް ރައްޔިތުންގެ ވިންދާ އެއްގޮތަށް ގެންނަވާނެކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ. އަދި ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނީ ރައްޔިތުންނާ ގާތުން، ރައްޔިތުންގެ އަޑުއަހައިގެންކަމަށާއި، މިއަދާ ހަމައަށް ގެނެވުނު އިސްލާހުތަކަކީވެސް ރައްޔިތުން އެދޭ ގޮތަށް ގެނެވިފައިވާ ބަދަލުތަކެއްކަން އެމަނިކުފާނު ތަކުރާރުކުރެއްވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.