އަމާޒަކީ ސިޔާސީ މަގާމުތައް މަދުކޮށް، ކުންފުނިތަކުގެ 33 އިންސައްތަ މުވައްޒަފުން ދަށްކުރުން: ރައީސް

އަމާޒަކީ ސިޔާސީ މަގާމުތައް މަދުކޮށް، ކުންފުނިތަކުގެ 33 އިންސައްތަ މުވައްޒަފުން ދަށްކުރުން: ރައީސް

Author
އަހުމަދު
20 އޭޕްރިލް 2026 11:36
0

ސަރުކާރުގެ ސިޔާސީ މަގާމުތައް ވީ އެންމެ މަދުކުރުމަށާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުން 33 އިންސައްތަ މުވައްޒަފުން މަދުކުރަން ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު އިއުލާނުކުރައްވައިފިއެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ސިޔާސީ މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން މަދުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނީ ވަކި އަދަދެއް ހަމަކުރުމުގެ ބަދަލުގައި، މުވައްޒަފުންގެ މަސައްކަތުގެ ފެންވަރަށް (ޕާފޯމަންސަށް) ބެލުމަށްފަހުގައި ކަމަށެވެ. އަދި މީގެ ފަހުން ކުންފުނިތަކަށް މުވައްޒަފުން ނަގާނީ ހަމައެކަނި އިއުލާނުކޮށްގެން ކަމަށާއި، ސިޔާސީ ނުފޫޒުން އެއްވެސް މީހަކަށް ކުންފުނިތަކުން ވަޒީފާ ނުދެއްވާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.

ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ ދަށުން ރައީސަށް ލިބިދޭ ބާރުގެ ދަށުން ސިޔާސީ މަގާމުތަކަށް މީހުން އައްޔަންކުރެއްވި ނަމަވެސް، ކުރިއަށް އޮތް ތަނުގައި އެކަން ކުރައްވާނީ ކޮންމެހެން ކުރަންޖެހޭ ހާލަތްތަކުގައި، ތައުލީމާއި ތަޖުރިބާއަށް ރިއާޔަތްކުރައްވައިގެން ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. އެގޮތުން، ސްޓޭޓް މިނިސްޓަރުންނަށް މާސްޓާސް ޑިގްރީ އަދި ޑެޕިއުޓީ މިނިސްޓަރުންނަށް ފުރަތަމަ ޑިގްރީއެއް އޮތުން ލާޒިމުކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

މި ފިޔަވަޅުތަކަކީ ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރު ހިންގުމަށްޓަކައި މުޅި ސަރުކާރުގެ ސައިޒު ކުޑަކުރުމަށް ކުރަމުންދާ މަސައްކަތުގެ ބައެކެވެ. މީގެ ކުރިން ސަރުކާރުން ވަނީ ބައެއް މިނިސްޓްރީތައް އެއްކޮށްލައި، ކެބިނެޓުގެ ސައިޒު ވެސް 15 އަށް ކުޑަކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.