ވަޒީފާގެ ފުރުޞަތުތައް ފަހިކުރުމަށް އަމިއްލަ ވިޔަފާރިތަކަށް 700 މިލިޔަން ރުފިޔާގެ އެހީއެއް

ވަޒީފާގެ ފުރުޞަތުތައް ފަހިކުރުމަށް އަމިއްލަ ވިޔަފާރިތަކަށް 700 މިލިޔަން ރުފިޔާގެ އެހީއެއް

Author
ޙަސަން މުޙައްމަދު
20 އޭޕްރިލް 2026 10:13
0

ވަޒީފާގެ އައު ފުރުޞަތުތައް އުފެއްދުމުގެ ބޭނުމުގައި، އަމިއްލަ ވިޔަފާރިތަކަށް 700 މިލިޔަން ރުފިޔާގެ ފަންޑެއް ދޫކުރުމުގެ މަސައްކަތް ސަރުކާރުން ފަށައިފިއެވެ.

މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވަޒީރު މޫސާ ޒަމީރު ވިދާޅުވި ގޮތުގައި، މި ފައިސާ ދޫކުރުމަށް ހަމަޖެހިފައިވަނީ އެސްއެމްއީ ޑިޖިޓަލް މެދުވެރިކޮށެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ވިދާޅުވީ، މީގެ ތެރެއިން 250 މިލިޔަން ރުފިޔާ ދޫކުރުން އަވަސްކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިރުޝާދު ދެއްވާފައިވާ ކަމަށެވެ. އަދި އޭގެ އިތުރުން، ކުރިއަށް އޮތް 3 ނުވަތަ 6 މަސްދުވަހުގެ ތެރޭގައި އިތުރު 450 މިލިޔަން ރުފިޔާ ވިޔަފާރިތަކަށް ފޯރުކޮށްދިނުމަށް ކަމާބެހޭ ވުޒާރާތަކާ ގުޅިގެން މަސައްކަތްކުރައްވަމުން ގެންދަވާކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ބޮޑު މާލީ އެހީތެރިކަން ތަޢާރަފުކުރުމުގެ މައިގަނޑު އެއް މަޤުޞަދަކީ، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ޚަރަދު ކުޑަކުރުމުގެ ގޮތުން މުވައްޒަފުން މަދުކުރަންޖެހޭ ޙާލަތްތަކުގައި، ވަޒީފާ ގެއްލޭ ފަރާތްތަކަށް އިޤުތިޞާދުގެ ތެރެއިން އެހެން ގޮތްތަކެއް ހޯދައިދިނުމެވެ. ދައުލަތުގެ ކުންފުނިތައް މާލީ ގޮތުން ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމަށްޓަކައި، ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު 33 އިންސައްތައަށް ދަށްކުރުމަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އަށް މިހާރު ވަނީ އަންގާފައެވެ.

މީގެ އިތުރުން، ކުންފުނިތަކަށް މުވައްޒަފުން އައްޔަންކުރުމުގައި ތަޢުލީމާއި، ހުނަރާއި ޤާބިލުކަމަށް އިސްކަންދޭ 'މެރިޓް ބޭސްޑް' އުސޫލު ހަރުދަނާކުރުމަށްވެސް ސަރުކާރުން ވަނީ ކަނޑައަޅާފައެވެ. މިއީ ދައުލަތުގެ މާލީ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތިން، ކުންފުނިތަކުގެ މަސައްކަތްތައް އެންމެ އެކަށީގެންވާ ފަރާތްތަކާ ހަވާލުކޮށްގެން ކުރިއަށް ގެންދިއުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ. ހަމައެހެންމެ، މުސާރައާއި އިނާޔަތްތައް ކޮންޓްރޯލްކުރުމާއި، އައު މުވައްޒަފުން ނެގުން މަޑުޖައްސާލުމުގެ އިތުރުން، އިތުރުގަޑީގެ ފައިސާއާއި ދަތުރުފަތުރުގެ ޚަރަދުތައް ކުޑަކުރުމަށްވެސް ކުންފުނިތަކަށް ވަނީ އަންގާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.