ފާއިތުވި ހަފްތާގައި ސްކޭމްތަކުން ގެއްލުނު ފައިސާގެ 43 އިންސައްތަ ފުލުހުން އަނބުރާ ހޯދައިދީފި

ފާއިތުވި ހަފްތާގައި ސްކޭމްތަކުން ގެއްލުނު ފައިސާގެ 43 އިންސައްތަ ފުލުހުން އަނބުރާ ހޯދައިދީފި

Author
ޙަސަން މުޙައްމަދު
20 އޭޕްރިލް 2026 10:12
0

މި މަހުގެ 12 ވަނަ ދުވަހުން ފެށިގެން 18 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖޭގައި ހިންގި ސްކޭމްތަކުގައި މީހުންގެ އަތުން ގެއްލުނު ފައިސާގެ ތެރެއިން 43 އިންސައްތަ ފައިސާ ފުލުހުން އަނބުރާ ހޯދައިދީފިއެވެ.

ފުލުހުން މިއަދު އާންމުކުރި އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ފާއިތުވި ހަފުތާގެ ތެރޭގައި މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ ޖުމުލަ 41 މައްސަލައެއް ވަނީ ހުށަހަޅާފައެވެ. މި މައްސަލަތަކުގައި 496،383.50 ރުފިޔާ އާންމުންގެ އަތުން ގެއްލިފައިވާއިރު، ފުލުހުން ކުރި މަސައްކަތުން އޭގެ ތެރެއިން 211،684.50 ރުފިޔާ ވަނީ ރިކަވާކޮށްފައެވެ.

މި މުއްދަތުގައި އެންމެ ގިނައިން ހުށަހަޅާފައިވަނީ އީ-ކޮމާސް ނުވަތަ އޮންލައިން ވިޔަފާރީގެ ތެރެއިން އޮޅުވާލައިގެން ފައިސާ ހޯދުމުގެ މައްސަލަތަކެވެ. އެގޮތުން އެ ބާވަތުގެ 21 މައްސަލައެއް ފާހަގަކުރެވިފައިވެއެވެ. ދެން އެންމެ ގިނައީ އެހެން މީހަކަށް ހެދިގެން (އިމްޕާސަނޭޓް ކޮށްގެން) ފައިސާ ހޯދުމުގެ 9 މައްސަލައެކެވެ. މީގެ އިތުރުން ފައިސާ މާރުކުރުމުގެ ނަމުގައި ހިންގި 3 މައްސަލައަކާއި، ވަޒީފާގެ ނަމުގައި އަދި ފިޝިންގެ ގޮތުގައި ހިންގި މައްސަލައެއްގެ އިތުރުން އެހެނިހެން ބާވަތްތަކުގެ 8 މައްސަލައެއް ހިމެނެއެވެ.

މިފަދަ ކުށްތައް ކުރުމަށް ސްކޭމަރުން ގިނައިން ބޭނުންކޮށްފައިވަނީ ވައިބާ، ވަޓްސްއެޕް، މެސެންޖާ، އައިބޭ، އަދި ފޭސްބުކް މާކެޓްޕްލޭސް ފަދަ އާންމު ވަސީލަތްތަކެވެ. އަދި ފޯނުން ގުޅައިގެންނާއި ނުދަންނަ ލިންކުތައް ފޮނުވައިގެންވެސް މިފަދަ އަމަލުތައް ހިންގާފައިވެއެވެ.

މިފަދަ ކަންކަމުން ސަމާލުވެ ރައްކާތެރިވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ. އެގޮތުން، އޮންލައިންކޮށް ވިޔަފާރިކުރާއިރު މުދާ ލިބުމުގެ ކުރިން ފައިސާ ނުދެއްކުމަށާއި، ބޭންކު ނުވަތަ ސަރުކާރުގެ އިދާރާއެއްގެ ނަމުގައި ގުޅި ނަމަވެސް އޯޓީޕީ އަދި ޕިން ފަދަ ޒާތީ މައުލޫމާތުތައް އެއްވެސް ފަރާތަކާ ހިއްސާނުކުރުމަށް ވަނީ އެދިފައެވެ. އަދި ނުދަންނަ ލިންކުތަކަށް ނުފިތުމަށާއި، ސްކޭމެއްގެ ޝިކާރައަކަށް ވެއްޖެކަން ޝައްކުކުރެވޭހާ އަވަހަކަށް ފުލުހުންނަށް ރިޕޯޓުކުރުމަށް ވަނީ އަންގާފައެވެ. ލަސްނުކޮށް ފުލުހުންނަށް ރިޕޯޓުކުރުމަކީ ގެއްލޭ ފައިސާ އަނބުރާ ލިބުމުގެ ފުރުސަތު ބޮޑުވެގެންދާނެ ކަމެއް ކަމަށްވެސް އެ އިދާރާއިން ފާހަގަކުރެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.