ސަރުކާރު ހިއްސާވާ ފަސް ކުންފުންޏެއްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު ހުސްވެފައިވުމާއެކު، އެ މަގާމުތަކަށް ބޭފުޅުން އައްޔަންކުރުމަށްޓަކައި ލިބިފައިވާ ނަންތައް ދިރާސާކުރަމުން އަންނަ ކަމަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕޮރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ބުނެފިއެވެ.
ޕީސީބީގެ ރައީސް މުޙައްމަދު އަނަސް ވިދާޅުވީ، އެ ކުންފުނިތަކަށް އައްޔަންކުރާނެ ބޭފުޅުންގެ ނަންތައް ލިބިފައިވާ ކަމަށާއި، ވަރަށް އަވަހަށް އެމްޑީން ހަމަޖެހިގެންދާނެ ކަމަށެވެ. ނަމަވެސް އެކަން ކުރާނެ ވަކި ތާރީޚެއް އޭނާ ވިދާޅެއް ނުވެއެވެ. މިހާރު މެނޭޖިން ޑިރެކްޓަރުން ނެތި ހިނގަމުންދާ ކުންފުނިތަކަކީ ސްޓެލްކޯ، ފެނަކަ، އެގްރޯނެޓް، އެމްޕީއެލް އަދި މިފްކޯއެވެ. އައު ވެރިން އައްޔަންކުރަންދެން އެ ކުންފުނިތައް ހިންގުން ވަގުތީގޮތުން ހަވާލުކޮށްފައިވަނީ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުންނާއެވެ.
މި މަގާމުތައް ހުސްވެފައިވަނީ ދާދި ފަހުން ސަރުކާރުގެ ބައެއް ކުންފުނިތަކުގެ ވެރިން މަގާމުން ވަކިކުރުމާއި، އަދި ބައެއް ބޭފުޅުން އަމިއްލައަށް އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އެގޮތުން މިދިޔަ ޖަނަވަރީ މަހުން ފެށިގެން ސްޓެލްކޯ، އެގްރޯނެޓް އަދި ފެނަކައިގެ އެމްޑީން ވަކިކޮށްފައިވާއިރު، އެމްޕީއެލްގެ ސީއީއޯ އާއި އެމްޑަބްލިއުއެސްސީ އަދި މިފްކޯގެ ވެރިން ވަނީ އިސްތިއުފާ ދެއްވާފައެވެ. މީގެ ތެރެއިން އެމްޑަބްލިއުއެސްސީއަށް މިހާރު ވަނީ ސްޓެލްކޯގެ ކުރީގެ އެމްޑީ ޙުސައިން ފަހުމީ އައްޔަންކުރައްވާފައެވެ.
ކުންފުނިތަކުގެ ވެރިންނަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައި މިވަނީ، ދާދި ފަހުން ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބާއި ފެންނަ ނުފެންނަ ވޯޓުން ސަރުކާރަށް ނާކާމިޔާބީއާ ކުރިމަތިލާން ޖެހިފައިވާ ދަނޑިވަޅެއްގައެވެ. މީގެ އިތުރުން ކެބިނެޓަށްވެސް ބޮޑެތި ބަދަލުތަކެއް ގެނެސް، 10 މިނިސްޓަރަކު އިސްތިއުފާ ދެއްވުމަށްފަހު ސަރުކާރުގެ ވުޒާރާތަކުގެ އަދަދު ވަނީ 20 އިން 15 އަށް މަދުކޮށްފައެވެ.
ކޮމެންޓު ފޮނުވާ