ކުޑަ އަންހެން ކުއްޖަކު ގަހެއްގައި ބަނދެ އަނިޔާކުރި މައްސަލައިގައި އަދިވެސް މީހަކު ހައްޔަރެއް ނުކުރޭ

ކުޑަ އަންހެން ކުއްޖަކު ގަހެއްގައި ބަނދެ އަނިޔާކުރި މައްސަލައިގައި އަދިވެސް މީހަކު ހައްޔަރެއް ނުކުރޭ

Author
ޙަސަން މުޙައްމަދު
19 އޭޕްރިލް 2026 11:04
0

އުތުރުގެ ރަށެއްގައި އުމުރުން 8 އަހަރުގެ އަންހެން ކުއްޖަކު ގަހެއްގައި ބަނދެ، އަނިޔާކުރި މައްސަލައިގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.

މި ހިތާމަވެރި ހާދިސާ އާންމުންގެ ސަމާލުކަމަށް އައީ، ކުއްޖާގެ އަތް ގަހެއްގައި ބަނދެފައި ހުއްޓާ، އަމިއްލައަށް ސަލާމަތްވާން މަސައްކަތްކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވާން ފެށުމާ ގުޅިގެންނެވެ. ފުލުހުންނަށް މި މައްސަލަ ރިޕޯޓުކޮށްފައިވަނީ މި މަހުގެ 17 ވަނަ ދުވަހުގެ މެންދުރު 13:10 ހާއިރުއެވެ. އަޕާ ނޯތު ޕޮލިސް ޑިވިޝަންގެ ރަށެއްގައި ހިނގި މި އަމަލަކީ ކުއްޖާގެ ކަރާމާތަށް އުނިކަންލިބޭ ފަދަ އިހާނެތި އަމަލެއްކަމަށް ފުލުހުން ވަނީ ސިފަކޮށްފައެވެ.

މައްސަލަ ފެންމަތިވިތާ ދެ ދުވަސް ވެފައިވާއިރު މީހަކު ހައްޔަރުކޮށްފައި ނުވި ނަމަވެސް، މި މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގުކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ. އަދި ކަމާބެހޭ އެހެން އިދާރާތަކާ ގުޅިގެން ކުއްޖާގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރަންޖެހޭ އެންމެހައި ކަންކަން މިހާރު ކުރަމުންދާކަމަށްވެސް ފުލުހުން މައުލޫމާތުދެއެވެ.

މި ހާދިސާގައި ކުއްޖާއަށް ލިބިފައިވާ ޖިސްމާނީ އަދި ނަފްސާނީ ގެއްލުމުގެ އިތުރު ތަފްސީލެއް ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.