ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށް ބޭއްވުމާ ގުޅޭގޮތުން ނެގި ފެންނަ ނުފެންނަ ވޯޓުގައި ސަރުކާރަށް ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނީ، ޕީއެންސީގެ ކެމްޕޭން ޓީމުތަކަށް ރައްޔިތުންނަށް އެކަން ރަނގަޅަށް ކިޔައިދެވިފައި ނުވުމުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އއ. އަތޮޅުގެ ރަސްދޫ، އުކުޅަސް އަދި ތޮއްޑޫއިން ލޯކަލް ކައުންސިލް އިންތިހާބުގައި ހޯދި ކާމިޔާބީ ފާހަގަކުރުމަށް ރަސްދޫގައި ބޭއްވި އުފާފާޅުކުރުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އެ ވޯޓު ސަރުކާރުން ބޭނުންވި ގޮތަށް ނުނިމުނީ އެތައް ސަބަބުތަކަކާ ހުރެ ކަމަށެވެ. އޭގެ ތެރެއިން އެންމެ ބޮޑު އެއް ސަބަބަކީ ރަށްރަށުގައި ހަރަކާތްތެރިވި ޕާޓީގެ ޓީމުތަކުން އެކަށީގެންވާ މިންވަރަށް މަސައްކަތް ނުކުރުން ކަމަށް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
އެމަނިކުފާނު ވިދާޅުވީ މިއީ ވަރަށް ސާފުކޮށް ފެންނަން އޮތް މައްސަލައެއް ކަމަށާއި، ރައްޔިތުންނަށް އެކަން ރަނގަޅަށް ކިޔައިދެވިފައި ނެތް ކަމަށެވެ. އަދި އިދިކޮޅު ފަރާތްތަކުން މިކަމާ ގުޅުވައިގެން ހަގީގަތާ ހިލާފު ވާހަކަތައް ފެތުރިއިރު، ޕީއެންސީގެ ފަރާތުން ރައްޔިތުންނަށް ސާފު މައުލޫމާތު ފޯރުކޮށްދެވިފައި ނުވުމުގެ ސަބަބުން ރައްޔިތުންނަށް އޮޅުންތަކެއް އެރީ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
މިއީ ކުރިމަގަށް ލިބުނު މުހިންމު ފިލާވަޅެއްކަން ފާހަގަކުރައްވައި ރައީސް ވަނީ، ރައްޔިތުންގެ ގާތަށް ވޯޓު ހޯދަން ދާއިރު ޓީމުތަކުން އިހުލާސްތެރިކަމާއި ސާބިތުކަމާއެކު މަސައްކަތް ކުރުމަށް އިލްތިމާސްކުރައްވާފަ އެވެ. އަދި ރައްޔިތުންގެ ކިބައިން އެމަނިކުފާނު ކަމަކަށް އެދިވަޑައިގަންނަވާނީ އަބަދުވެސް ގައުމަށް ފައިދާހުރި ގޮތަށް ކަމަށްވާއިރު، ޕާޓީގެ ޓީމުތަކުން އެކުވެރިކަމާއެކު ވަރުގަދައަށް މަސައްކަތް ކުރުމުގެ މުހިންމުކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވާފަ އެވެ.
ކޮމެންޓު ފޮނުވާ