ދައުލަތުގެ ޚަރަދުތައް ކުޑަކޮށް، ސަރުކާރު ހިއްސާވާ ކުންފުނިތައް (އެސްއޯއީ) ހިންގުން ހަރުދަނާކުރުމުގެ ގޮތުން، އެ ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު 33 އިންސައްތައަށް މަދުކުރުމަށް މިނިސްޓްރީ އޮފް ފައިނޭންސް އިން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އަށް އަންގައިފިއެވެ.
ޕީސީބީގެ ރައީސް މުހައްމަދު އަނަސްއަށް ފައިނޭންސުން މި މަހުގެ 17 ވަނަ ދުވަހު ފޮނުއްވި ސިޓީއެއްގައި ވަނީ ކުންފުނިތަކުގެ މާލީ ހާލަތު ރަނގަޅުކޮށް އިސްރާފު ކުޑަކުރުމަށް ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް އަންގާފައެވެ. މީގެ ތެރޭގައި މުވައްޒަފުން މަދުކުރުމުގެ އިތުރުން، ވަޒީފާތަކަށް މީހުން ނެގުމުގައި ސިޔާސީ ނުފޫޒުން އެއްކިބާވެ، ހަމައެކަނި ތައުލީމާއި ތަޖުރިބާއަށް ބަލައިގެން 'މެރިޓް ބޭސްޑް' އުސޫލުން ގާބިލު މީހުންނަށް ފުރުސަތު ދިނުމަށް ވެސް ވަނީ އިރުޝާދުދީފައެވެ. މިއީ ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް ނަތީޖާ ނެރުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއްކަމަށް އެ މިނިސްޓްރީން ދެކެއެވެ.
ފައިނޭންސް މިނިސްޓްރީން ބުނެފައިވާ ގޮތުގައި މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ސިޔާސަތުގެ ދަށުން، ކުންފުނިތަކަކީ އަމިއްލަ ފައިމައްޗަށް ތެދުވެފައިވާ ފައިދާވާ ތަންތަނަށް ހެދުމަށް ނިންމި ނިންމުންތަކެކެވެ. މީގެ ކުރިންވެސް އިތުރުގަޑީގެ ފައިސާއާއި، ދަތުރުފަތުރުގެ އިތުރުން ކޮންމެހެން ކުރަންނުޖެހޭ ޚަރަދުތައް ކުޑަކުރަން ޕީސީބީން ކުންފުނިތަކަށް އަންގާފައިވާއިރު، އަލަށް އެންގި އެންގުންތައް ތަންފީޒުކުރާ މިންވަރު ގަވާއިދުން މޮނިޓަރކޮށް ރިޕޯޓުކުރުމަށް މިހާރު ވަނީ އަންގާފައެވެ. މި ބަދަލުތަކުގެ ސަބަބުން ކުންފުނިތަކުގެ ހިންގުންތެރިކަން ރަނގަޅުވެ، ދައުލަތުގެ ބަޖެޓަށް ކުރާ ބާރު ވަރަށް ބޮޑަށް ކުޑަވެގެންދާނެއެވެ.
ކޮމެންޓު ފޮނުވާ