އެމެރިކާއާއި އިސްރާއީލުން ދެމުންދިޔަ ހަމަލާތައް ވަގުތީގޮތުން މެދުކަނޑާލުމާ ގުޅިގެން، ދުނިޔޭގެ ބާޒާރުގައި ސާފުނުކުރާ ތެލުގެ އަގުތައް ދަށަށް ހިނގައްޖެއެވެ.
އޭޝިއާގެ ބާޒާރުތައް ހުޅުވުނުއިރު ސާފުނުކުރާ ތެލުގެ އަގު ގާތްގަނޑަކަށް އެއް އިންސައްތަ ދަށްވެ، ފީފާއެއްގެ އަގު ވަނީ 98.50 އެމެރިކާ ޑޮލަރަށް ވެއްޓިފައެވެ. ހަމައެއާއެކު، އެމެރިކާގެ ބާޒާރުގައިވެސް ތެލުގެ އަގު 1.2 އިންސައްތަ ދަށްވެފައިވާއިރު، މިހާރު ފީފާއެއް ލިބެން ހުރީ 93.60 ޑޮލަރަށެވެ. ތެލުގެ އަގަށް އައި މި ބަދަލާއެކު އޭޝިއާގެ ހިއްސާގެ ބާޒާރުތަކަށްވެސް ވަނީ މީގެ ނޭދެވޭ އަސަރު ކޮންމެވެސް ވަރަކަށް ކޮށްފައެވެ. އެގޮތުން ޖަޕާނުގެ ނިކޭ އިންޑެކްސް 0.8 އިންސައްތަ ދަށަށް ގޮސްފައިވާއިރު، ދެކުނު ކޮރެއާގެ ކޮސްޕީ އިންޑެކްސްވެސް ވަނީ 0.3 އިންސައްތަ ދަށްވެފައެވެ.
އިގްތިސާދީ މާހިރުން ލަފާކުރާ ގޮތުގައި މިއީ އިސްރާއީލާއި އެމެރިކާ ގުޅިގެން އީރާނަށް ދެމުންދިޔަ ހަމަލާތައް މިމަހުގެ 8 ވަނަ ދުވަހު ހުއްޓާލުމާއި، ލުބުނާނަށް ދެމުންދިޔަ ހަމަލާތައް 10 ދުވަހުގެ މުއްދަތަކަށް މެދުކަނޑާލަން ނިންމުމުން ބާޒާރަށް އައިސްފައިވާ ބަދަލެކެވެ. މި އެއްބަސްވުންތަކުގެ ސަބަބުން މަސްރަހަށް ކޮންމެވެސް ވަރެއްގެ ފިނިކަމެއް ލިބިފައިވީ ނަމަވެސް، މިއީ ވަރަށް ނާޒުކު ހާލަތެއް ކަމަށް ގިނަ ބަޔަކު ދެކެއެވެ. ސަބަބަކީ، އިސްރާއީލުން ލުބުނާނަށް ދިން ހަމަލާތަކަކީ އެމެރިކާއާއެކު ވެފައިވާ އެއްބަސްވުމާ ހިލާފު އަމަލެއްކަމަށް އީރާނުން ތުހުމަތުކުރުމާއި، ކުރިން ވެފައިވާ ދެ ހަފުތާގެ އެއްބަސްވުމަށް ބުރޫއަރާފައިވުމެވެ.
އިސްރާއީލާއި ލުބުނާނާ ދެމެދު ވެވުނު މި އެއްބަސްވުމަކީ މެދުއިރުމަތީގެ ހަމަޖެހުމަށާއި ދުނިޔޭގެ ހަކަތައިގެ ބާޒާރަށް ލިބުނު އުއްމީދީ ކުރިއެރުމެކެވެ. އެހެންނަމަވެސް، ސަރަހައްދުގެ ސިޔާސީ މަސްރަހު އޮތްގޮތުން ކަންކަން ކުއްލިއަކަށް ބަދަލުވުމުގެ ފުރުސަތު އޮތުމާއެކު، ކުރިއަށް އޮތް ތަނުގައި ތެލުގެ އަގުތަކަށް އަތުވެދާނެ ބަދަލުތައް މާހިރުން ދަނީ ވަރަށް ގާތުން ބަލަމުންނެވެ.
ކޮމެންޓު ފޮނުވާ