ދެހާސް ބާވީސް ވަނަ އަހަރު ވިލިމާލޭން ފުރި "ހެދޭ ކުރި" ތެޔޮ ބޯޓުން ގެއްލުނު ބަންގްލަދޭޝްގެ މުހައްމަދު ލިޓަން މޫދަށް ކޮށްޕާލައި މަރާލި މައްސަލައިގައި ދައުވާ އުފުލި ގދ. ތިނަދޫ، މަނާރު، މުހައްމަދު ނިޒާމްގެ މައްޗަށް ކުށް ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން ކަނޑައަޅައިފިއެވެ.
ޑިސެމްބަރު 28، 2022 ގައި ހިނގި މި ހާދިސާއާ ގުޅިގެން ނިޒާމްގެ މައްޗަށް ދައުލަތުން ވަނީ ގަސްތުގައި މީހަކު މެރުމުގެ ދައުވާގެ އިތުރުން ވައްކަމާއި ޑައިމޯފިންއިން މުއާމަލާތުކުރުމުގެ ދައުވާވެސް އުފުލާފައެވެ. މިއީ ރާއްޖޭގެ ތާރީޚުގައި ގެއްލިފައިވާ މީހެއްގެ މައްސަލައިގައި މީހެއްގެ މައްޗަށް މަރުގެ ދައުވާ އުފުލި ފުރަތަމަ ފަހަރެވެ. ހާދިސާ ހިނގިއިރު ލިޓަންގެ އުމުރަކީ 35 އަހަރެވެ. އަދި ނިޒާމް ހައްޔަރުކުރިއިރު އޭނާގެ އުމުރަކީ 45 އަހަރެވެ.
މައްސަލަ ބެއްލެވި ފަނޑިޔާރު ފާހަގަކުރެއްވި ގޮތުގައި، ލިޓަން މޫދަށް ވައްޓާލި ސަރަހައްދުގެ ގޮތުން އޭނާ ސަލާމަތްވުމުގެ ފުރުސަތު ވަރަށް ކުޑައެވެ. އަދި އެ ދެމީހުންގެ ދެމެދުގައި އަދާވާތްތެރިކަން އޮތްކަމާއި، ތަހުގީގު މަރުހަލާގައި ލިޓަން މޫދަށް ވައްޓާލިކަމަށް ނިޒާމް އެއްބަސްވެފައިވާކަންވެސް ހުކުމުގައި ވަނީ ފާހަގަކުރައްވާފައެވެ.
އިސްލާމީ ޝަރީއަތުގައި ބަޔާންކުރާ އެއްވެސް ޝައްކެއް ނެތް މިންވަރަށް ގަސްތު މަރުގެ ކުށް ސާބިތުކުރެވޭނެ ހެކި ނެތް ނަމަވެސް، ގާނޫނުލްއުގޫބާތުގެ ދަށުން ފަރުވާލެއް ނެތި ކުރި އަމަލެއްގެ ސަބަބުން މީހެއްގެ ފުރާނަ ދިއުމުގެ ކުށް ނިޒާމްގެ މައްޗަށް ސާބިތުވާކަމަށް ކޯޓުން ވަނީ ނިންމާފައެވެ.
މި މައްސަލައިގައި ނިޒާމަށް އަދަބު ކަނޑައެޅުން ފަހަށް މަޑުޖައްސާލާފައިވާއިރު، ދައުލަތުން ވަނީ އޭނާ 25 އަހަރަށް ޖަލަށް ލުމަށް އެދިފައެވެ. ނިޒާމްގެ މައްޗަށް އުފުލި މަސްތުވާތަކެތީގެ ދައުވާ އާއި ވައްކަމުގެ ދައުވާވެސް ސާބިތުވެފައިވާއިރު، މަސްތުވާތަކެތީގެ މައްސަލައިގައި އޭނާގެ މައްޗަށް ކުރިން ވަނީ ޖަލު ހުކުމެއްވެސް އިއްވާފައެވެ.
ކޮމެންޓު ފޮނުވާ