އއ. އުކުޅަހުގެ ބޮޑެތި މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް އެމްޓީސީސީން ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން، ޖުމްލަ މަސައްކަތުގެ 74 އިންސައްތަ މިހާރު ނިމިފައިވާކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.
އެމްޓީސީސީން މަޢުލޫމާތު ދެއްވާގޮތުގައި މިހާރު އެރަށުގައި އެންމެ ބާރަށް ކުރިއަށްދަނީ މަގުތަކުގައި ތާރު އެޅުމުގެ މަރުޙަލާއެވެ. ދައުލަތުގެ ބަޖެޓުން 56.11 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހިންގާ މި ބޮޑު މަޝްރޫޢު އެމްޓީސީސީއާ ޙަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 19 އޮކްޓޯބަރު 2022 ގައެވެ. އަދި މި މަސައްކަތް ޢަމަލީގޮތުން ފަށާފައިވަނީ 12 ޖެނުއަރީ 2024 ގައެވެ.
މި މަޝްރޫޢުގެ ދަށުން އުކުޅަހުގެ 2،678 މީޓަރުގެ ދިގުމިނުގެ 10 މަގެއް ޒަމާނީ ފެންވަރަށް ތަރައްޤީކުރެވިގެންދާނެއެވެ. އޭގެ ތެރޭގައި 14،452 އަކަމީޓަރުގެ ދުއްވާ ސަރަޙައްދަކާއި، 4،193 އަކަމީޓަރުގެ ހިނގާ މީހުންނަށް ޚާއްޞަ ސަރަޙައްދެއް (ޕޭވްމަންޓް) ހެދުން ހިމެނެއެވެ. މީގެ އިތުރުން، ވާރޭވެހުމުން ރަށުތެރޭގައި ފެންބޮޑުވާ މައްސަލައަށް ދާއިމީ ޙައްލެއް ގެނައުމުގެ ގޮތުން ޒަމާނީ ފެންހިންދާ ނިޒާމެއް ޤާއިމުކުރުމާއި، ސެޓްލްމެންޓް ޓޭންކް ހަރުކުރުމާއި، ކޭބަލް ޖަންކްޝަން ފޮށި ވަޅުލުމުގެ މަސައްކަތްވެސް މި މަޝްރޫޢުގައި އެކުލެވިގެންވެއެވެ.
މަގުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، މި މަޝްރޫޢު ނިމޭއިރު މަގުބައްތި ހަރުކުރުމާއި، ޓްރެފިކް ނިޝާންތަކާއި ސައިން ބޯޑުތައް ހަރުކުރުމުގެ އިތުރުން ސްޕީޑް ބްރޭކަރާއި ކަފިހިހުރަސް ޤާއިމުކުރެވިގެންދާނެކަމަށްވެސް އެމްޓީސީސީން ވަނީ ބުނެފައެވެ.
ކޮމެންޓު ފޮނުވާ