ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން 2026 ގައި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޓިކެޓުގައި ވާދަކުރުމުގެ ފުރުސަތު އެ ޕާޓީން މިއަދު ހުޅުވާލައިފިއެވެ.
ޕީއެންސީން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުން، ޕާޓީގެ ޓިކެޓަށް އެދި ހުށަހެޅުމުގެ ސުންގަޑިއަކީ 19 އޭޕްރިލް 2026 ވާ އާދީއްތަ ދުވަހުގެ އިރުއޮއްސި 6:00 އެވެ. މި އިންތިޚާބުގައި ވާދަކުރަން ޝައުގުވެރިވާ ފަރާތްތަކުން ޕާޓީގެ ރަސްމީ ވެބްސައިޓް މެދުވެރިކޮށް ފޯމު ހުށަހަޅަންޖެހޭއިރު، އިލެކްޝަންސް ކޮމިޝަނަށް ބޭނުންވާ ކުށާއި ދަރަނީގެ ރެކޯޑު ފަދަ މުހިންމު ލިޔެކިޔުންތައްވެސް ހުށަހަޅަންޖެހޭނެއެވެ. އަދި ކެންޑިޑޭޓުންގެ މިންގަނޑުތައް ޕާޓީގެ ޓެކްނިކަލް ކޮމިޓީން ބަލާނެ ކަމަށްވެސް ބުނެފައިވެއެވެ.
ޝަރުތު ހަމަވާ އެއް ފަރާތަށްވުރެ ގިނަ މީހުން ކުރިމަތިލައިފިނަމަ ޕާޓީގެ ޓިކެޓް ދޭނެ ފަރާތެއް ކަނޑައަޅާނީ އެތެރޭގެ ޕްރައިމަރީއަކުންނެވެ. މި ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ 25 އޭޕްރިލް 2026 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 9:00 އިން ހަވީރު 4:00 އަށެވެ. ޕްރައިމަރީގައި ވާދަކުރެވޭނީ ގާނޫނީ ގޮތުން މަޖިލިސް އިންތިޚާބަށް ޝަރުތުހަމަވާ، އަދި ޕީއެންސީގެ ދަފްތަރުގައި ހިމެނޭ މެންބަރުންނަށެވެ.
މި ޕްރައިމަރީގައި ވޯޓުލުމުގެ ހައްގު ލިބެނީ އިލެކްޝަންސް ކޮމިޝަނުން ބަލަހައްޓާ ޕީއެންސީގެ ދަފްތަރުގައި ހިމެނޭ މެންބަރުންގެ އިތުރުން، 13 އޭޕްރިލް 2026 ގެ ނިޔަލަށް ޕާޓީއާ ގުޅުމަށް ފޯމު ހުށަހަޅާފައިވާ ފަރާތްތަކަށެވެ. ވޯޓުލާ މީހުންގެ ލިސްޓު 20 އޭޕްރިލް 2026 ގައި ޕާޓީގެ ވެބްސައިޓުގައި އާންމުކުރުމަށް ހަމަޖެހިފައިވާއިރު، ޕީއެންސީން ފާހަގަކުރާ ގޮތުގައި މިއީ އެ ދާއިރާ ތަމްސީލުކުރުމަށް ވަރުގަދަ ކެންޑިޑޭޓަކު ނެރުމަށް ކުރެވޭ މުހިންމު މަސައްކަތެކެވެ.
ކޮމެންޓު ފޮނުވާ