އެމެރިކާގެ ހުއްދަ ނުހޯދައި ހޮރްމޫޒް ކަނޑުއޮޅި ހުރަސްކުރާ އުޅަނދުތަކަށް ހަމަލާދޭނެކަމުގެ ވަރުގަދަ އިންޒާރެއް އެމެރިކާގެ އަސްކަރިއްޔާއިން ދީފިއެވެ.
އެމެރިކާއާއި އީރާނާ ދެމެދު ހިނގަމުންދިޔަ ހަނގުރާމަ މިމަހުގެ 8 ވަނަ ދުވަހު މެދުކަނޑާލުމަށް ނިންމުމާ ގުޅިގެން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ހޮރްމޫޒް ކަނޑުއޮޅި ބަންދުކުރުމަށް އެގައުމުގެ ސިފައިންނަށް އަމުރުކުރައްވާފައެވެ. މި އަމުރާ ގުޅިގެން އެމެރިކާގެ އަސްކަރިއްޔާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން ބުނެފައިވަނީ، ގަލްފް އޮފް އޮމާނާއި، އަރަބި ކަނޑުގެ އިތުރުން ހޮރްމޫޒް ކަނޑުއޮޅި ބަންދުކޮށް، ވަކި ގައުމަކަށް ބެލުމެއްނެތި އެ ސަރަހައްދުން ދަތުރުކުރާ ހުރިހާ އުޅަނދެއް ހުއްޓުވާނެ ކަމަށެވެ.
ސެންޓްކޮމްއިން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި، ހުއްދަ ނެތި ބަންދުކޮށްފައިވާ ސަރަހައްދަށް ވަންނަ ނުވަތަ ނުކުންނަ ކޮންމެ އުޅަނދަކަށް ހަމަލާދޭނެއެވެ. ނުވަތަ އެފަދަ އުޅަނދުތައް އެމެރިކާގެ ބެލުމުގެ ދަށަށް ގެންދާނެއެވެ.
މިފަދަ ހަރުކަށި އިންޒާރެއް ދީފައިވީ ނަމަވެސް، އީރާނަށް ނިސްބަތްނުވާ އަދި ވަކި ކޮޅަކަށް ނުޖެހޭ އާންމު އުޅަނދުތަކަށް ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރުމަށް އެއްވެސް ހުރަހެއް ނޯންނާނެކަމަށް ސެންޓްކޮމްއިން ވަނީ ސާފުކޮށްދީފައެވެ.
ކޮމެންޓު ފޮނުވާ