ކައުންސިލް އިންތިޚާބުގެ އެއްވަރުވި ދާއިރާތަކުގެ ވޯޓުލުމަށްފަހު ރަސްމީ ނަތީޖާ 19 އޭޕްރީލްގައި އިއުލާންކުރަނީ

ކައުންސިލް އިންތިޚާބުގެ އެއްވަރުވި ދާއިރާތަކުގެ ވޯޓުލުމަށްފަހު ރަސްމީ ނަތީޖާ 19 އޭޕްރީލްގައި އިއުލާންކުރަނީ

Author
ޙަސަން މުޙައްމަދު
13 އޭޕްރިލް 2026 08:09
0

އޭޕްރީލް 18 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ދެވަނަ ބުރުގެ ރަސްމީ ނަތީޖާ އޭގެ އަނެއް ދުވަހު އިއުލާންކުރާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

ސަންގުޓީވީގައި ވާހަކަދައްކަވަމުން އީސީގެ އެސިސްޓެންޓް ޑިރެކްޓަރު ފާތިމަތު ސައުޝަން ވިދާޅުވީ، ދެވަނަ ބުރެއް ބާއްވަން ޖެހުނީ މިދިޔަ އޭޕްރީލް 4 ގައި ބޭއްވި އިންތިޚާބުގައި ބައެއް ކެންޑިޑޭޓުންނަށް ލިބުނު ވޯޓު އެއްވަރުވުމާ ގުޅިގެން ކަމަށެވެ. މި އިންތިޚާބުގެ ވޯޓުލުން 18 ވަނަ ދުވަހުގެ ހެނދުނު 8:00 އިން ހަވީރު 4:00 އަށް ކުރިއަށްދާނެއެވެ. އަދި ވޯޓުލާ ނިމުމާއެކު ވަގުތީ ނަތީޖާ ފޮށި ކައިރީގައި އިއުލާންކުރުމަށްފަހު، ރަސްމީ ނަތީޖާ 19 ވަނަ ދުވަހު އާންމުކުރާނެކަމަށް އޭނާ ވިދާޅުވިއެވެ.

މި ފަހަރު އަލުން ވޯޓުލުން ކުރިއަށްދާނީ ލޯކަލް ކައުންސިލްގެ އަންހެނުންގެ ގޮނޑިއަށް ބ. ދޮންފަނާއި ފުވައްމުލަކު ސިޓީގެ ދަނޑިމަގު ދާއިރާގައެވެ. މީގެ އިތުރުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ތިން ދާއިރާއެއް ކަމަށްވާ، ހއ. ކެލާ ކޮމިޓީގެ ރައީސް ހޮވުމަށާއި ހދ. ނޭކުރެންދޫ އަދި ލ. މާވަށު ކޮމިޓީގެ މެންބަރުން ހޮވުމަށްވެސް ވޯޓުލުން ކުރިއަށްދާނެއެވެ.

އިންތިޚާބުގެ ވޯޓާސް ލިސްޓު މިހާރު އާންމުކޮށްފައިވާއިރު، ރީ-ރަޖިސްޓްރޭޝަންގެ މުއްދަތު ވަނީ ހަމަވެފައެވެ. މާލެ ސަރަހައްދުގައި ރަޖިސްޓަރީވި މީހުން މާލެއަށް ބަދަލުކޮށް، އިންތިޚާބު އޮންނަ ރަށްތައް ފިޔަވައި އެހެން ރަށްރަށުގައި ރަޖިސްޓަރީވި މީހުން މިހާރު ތިބޭނީ އެމީހެއްގެ ދާއިމީ އެޑްރެހަށް ބަދަލުކުރެވިފައެވެ. މީގެ އިތުރުން، އޮބްޒާވަރުންނާއި މޮނީޓަރުން އަދި ކެންޑިޑޭޓުންގެ މަންދޫބުންގެ ގޮތުގައި ހަރަކާތްތެރިވުމުގެ ފުރުސަތު މި މަހުގެ 12 އިން 16 އަށް ހުޅުވާލާފައިވާއިރު، ފުރަތަމަ ބުރުގައި ބައިވެރިވި ފަރާތްތަކުން ވެސް މި ބުރަށް އަލުން ހުށަހަޅަންޖެހޭނެކަމަށް އީސީން ވަނީ އަންގާފައެވެ. އަދި މި ފަރާތްތަކަށް މައުލޫމާތު ދިނުމުގެ ސެޝަންތަކެއް ބާއްވައި، ވޯޓު ފޮށިތައް ބަހައްޓާނެ ތަންތަން މިހާރު ވަނީ އިއުލާންކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.