ހުޅުމާލެ ފޭސް 2 ގައި ހިނގި ޖިންސީ ފުރައްސާރައިގެ މައްސަލައެއްގައި ތުހުމަތުކުރެވޭ މީހަކު ހޯދުމަށް ފުލުހުން އާންމުންގެ އެހީތެރިކަމަށް އެދިއްޖެއެވެ.
މި މައްސަލަ ތަހުގީގުކުރަމުންދާ ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަނުން މިއަދު އާންމުކުރި ވީޑިއޯއިން ފެންނަނީ ލިފްޓަކަށް އަރާ ފިރިހެނެކެވެ. އޭނާ ހުރީ އޭސީ މިލާންގެ އޮރެންޖު ކުލައިގެ ޖާޒީއަކާއި ނޫ ކުލައިގެ ޖީންސެއް ލައިގެންނެވެ. ފުލުހުން ބުނި ގޮތުގައި މި ވީޑިއޯ އާންމުކުރަން ޖެހުނީ އެއީ ކާކުކަން ފުލުހުންގެ ތަހުގީގަށް މިހާތަނަށް ދެނެގަނެވިފައި ނުވާތީއެވެ.
ވީޑިއޯއިން ފެންނަ މީހާއާ ގުޅޭ އެއްވެސް މައުލޫމާތެއް އެނގޭ ފަރާތެއް ވާނަމަ، ހުޅުމާލެ ފޭސް 2 ޕޮލިސް އިންވެސްޓިގޭޝަންގެ ނަންބަރު 9393351 އަށް ގުޅުއްވައި އެ މައުލޫމާތު ހިއްސާކޮށްދެއްވުމަށް ފުލުހުން ވަނީ އެދިފައެވެ. ކުށްކުރާ މީހުން ހޯދުމުގައި އާންމު ރައްޔިތުންގެ ފަރާތުން މެދުކެނޑުމެއްނެތި ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ފުލުހުން ވަނީ އާންމުންނަށް ޝުކުރު އަދާކޮށްފައެވެ. ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިފަދައިން އާންމުކުރާ ވީޑިއޯތަކާއި ފޮޓޯތަކުގެ އެހީގައި ފުލުހުން ވަނީ މީގެ ކުރިންވެސް ގިނަ ބަޔަކު ދެނެގަނެފައެވެ.
ކޮމެންޓު ފޮނުވާ