4 މިލިއަން ރުފިޔާގެ ވައްކަމުގެ މައްސަލައިގައި، ކުރިން 10 އަހަރަށް ޖަލަށްލި މީހަކު ހައްޔަރުކޮށްފި

4 މިލިއަން ރުފިޔާގެ ވައްކަމުގެ މައްސަލައިގައި، ކުރިން 10 އަހަރަށް ޖަލަށްލި މީހަކު ހައްޔަރުކޮށްފި

Author
އަހުމަދު
12 އޭޕްރިލް 2026 11:19
0

މާލޭގެ ނަލަހިޔާ ރެޒިޑެންސްގެ އެޕާޓްމަންޓަކުން 4 މިލިއަން ރުފިޔާ ވަގަށް ނެގި މައްސަލައިގައި ހައްޔަރުކުރި ހަތަރު މީހުންގެ ތެރޭގައި، މީގެ ކުރިން 10 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ރ. މަޑުއްވަރީ، ދާރުލް އައްވަލް، އުމުރުން 36 އަހަރުގެ އިސްމާއިލް އާސިފް ހިމެނިއްޖެއެވެ.

ފުލުހުން މިއަދު ވަނީ މި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ވަނަވަރު އާންމުކޮށްފައެވެ. މީގެ މަހެއްހާ ދުވަސް ކުރިން ހިންގި މި ވައްކަމުގައި ވަގަށް ނަގާފައިވަނީ މާލޭގައި ގިނަ ފިހާރަތަކެއް ހިންގާ، އާސިފްއާ އާއިލީ ގޮތުން ގުޅުން އޮންނަ މަޑުއްވަރީ ވިޔަފާރިވެރިއެއްގެ ފައިސާތަކެކެވެ. މި ފައިސާތައް ވަގަށް ނަގާފައިވަނީ އެ އާއިލާ އުމްރާގެ އަޅުކަމަށް ގޮސް އުޅެނިކޮށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އާސިފް މާލެ ގެނެސް ބަހައްޓާފައި ހުރީވެސް އެ އެޕާޓްމަންޓުގައެވެ. ނަމަވެސް 4 މިލިއަން ރުފިޔާގެ ތެރެއިން މިހާތަނަށް ފުލުހުންނަށް ހޯދިފައިވަނީ އެންމެ ފަންސާސް ހާސް ރުފިޔާއެވެ.

މި މައްސަލައިގައި ހައްޔަރުކުރި އާސިފްއަކީ ކުށުގެ ބޮޑެތި ރެކޯޑުތަކެއް އޮންނަ މީހެކެވެ. އެގޮތުން 2019 ވަނަ އަހަރު އއ. މާޅޮހު ބޭރުގައި އޮތް ލަނޑާ ނަގާ ދޯންޏެއްގެ ތެރޭގައި ހިންގި ނުރައްކާތެރި މާރާމާރީއަކާ ގުޅިގެން 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ކްރިމިނަލް ކޯޓުން ވަނީ އޭނާގެ މައްޗަށް 10 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ. ދީނީ ހިޔާލުތަފާތުވުމެއްގެ ތެރެއިން އުފެދުނު ޒުވާބެއްގައި އޭނާ ވަނީ އިސްމާއިލް ހައްމާދު ނަމަކަށް ކިޔާ މީހެއްގެ ހަށިގަނޑުގެ އެކި ތަންތަނަށް ވަޅިން ހަމަލާދިނުމަށްފަހު މޫދަށް އެއްލާލާފައެވެ. ހައްމާދުގެ ފުރާނަ ސަލާމަތްވީ ފަތާފައި ގޮސް މާޅޮހަށް އަރައި ސިއްހީ މަރުކަޒުން ފަރުވާ ހޯދުމުންނެވެ.

އާސިފްގެ 10 އަހަރުގެ ޖަލު ހުކުމް މާފުކުރީ ނުވަތަ މަޑުޖައްސާލީ ކަމެއް ސާފުވެފައެއް ނުވެއެވެ. ނަމަވެސް އޭނާ ބަންދުން ދޫކޮށްލާފައި ހުއްޓާ، އެއްބަނޑުއެއްބަފާ ބޭބެއަށް ކަތިވަޅިއަކުން ހަމަލާދިން މައްސަލައެއްގައި މިދިޔަ އަހަރުގެ އޭޕްރީލް މަހުވެސް ވަނީ ހައްޔަރުކޮށްފައެވެ. އޭނާ އޭރު ދޫކޮށްލީ ބޭބެ އެ މައްސަލަ ކުރިއަށްގެންދަން ބޭނުން ނުވުމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.