ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބައެއް ޓަވަރުތަކުން މިއަދު ހަވީރު ކަރަންޓު ކެނޑެން މެދުވެރިވީ، ކޮނުމުގެ މަސައްކަތެއްގެ ތެރޭގައި މައި ކޭބަލަކަށް ގެއްލުން ލިބުމާ ގުޅިގެން ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
މިއަދު ހަވީރު 4:00 ގެ ފަހުން ފޭސް ދޭއްގެ ވިނަރެސް އަދި ހިޔާ ފްލެޓްތައް ހިމެނޭހެން ބައެއް ޓަވަރުތަކުން ވަނީ ކަރަންޓު ގޮސްފައެވެ. ބައެއް އިމާރާތްތަކުން ދެފަހަރެއްގެ މަތިން ކަރަންޓު ކެނޑިފައިވާއިރު، އަދިވެސް ކަރަންޓު ފޯރުކޮށްދިނުމުގައި މައްސަލަތަކެއް އުޅޭކަމަށް އެ ކުންފުނިން މައުލޫމާތުދެއެވެ.
ސްޓެލްކޯއިން ހާމަކުރި ގޮތުގައި މި މައްސަލަ ދިމާވީ ފޭސް ދެއަކަށް ކަރަންޓު ދިނުމަށް އަޅާފައިވާ މައި ހަތަރު ކޭބަލްގެ ތެރެއިން އެއް ކޭބަލަށް ގެއްލުންވުމުންނެވެ. މިހާރު ދެވަނަ ފިޔަވަހީގެ ކަރަންޓު ވިއުގައާއި ލޯޑު ހުރިގޮތުން ބާކީ އޮތް ތިން ކޭބަލުން އެކަނި މުޅި ސަރަހައްދަށް ކަރަންޓު ދިނުމަށް ދަތިތަކެއް ހުރި ނަމަވެސް، ގެއްލުންވި ކޭބަލްގެ ލޯޑު އެ ތިން ކޭބަލަށް ބަހާލައިގެން ޚިދުމަތް އަލުން ދިނުމުގެ މަސައްކަތް ޓެކްނިކަލް ޓީމުން އަންނަނީ ކުރަމުންނެވެ.
މަގުތައް ކޮނުމުގެ ތެރޭގައި ކަރަންޓު ކޭބަލްތަކަށް ގެއްލުންވެގެން މިފަދައިން ކަރަންޓު ކެނޑުމަކީ މާލެ ސަރަހައްދުގައި ދޭތެރެދޭތެރެއިން ކުރިމަތިވާ މައްސަލައެކެވެ.
ކޮމެންޓު ފޮނުވާ